22 Dec 2023, 15:30
މަންމަ ގާތުން ހުއްދަ ނަގައިގެން ރޭ އިޝާ ނަމާދަށް ފަހު މުހައްމަދު ނައިޝް ނަސްރު (ނައްޔު) ދެ ރަހުމަތްތެރިންނާ އެކު ދިޔައީ އައްޑޫ ސިޓީ ގަން ދެކުނު ފަރާތަށް އިހި ނަގާށެވެ.
މޫދަށް ފަރިތަ ނައިޝް އާންމުކޮށް މޫދަށް ގޮސް އުޅެނީ ދުވާލެވެ. ނަމަވެސް ރޭ އޭނާ ރައްހުމަތްތެރިންނާ އެކު އިހި ނަގަން ދިޔައީ، މާދަމާ އާއިލާއާ އެކު މާލެ އައުމަށް ހަމަޖެހިފައި އޮތުމުންނެވެ.
ތިން ރަހުމަތްތެރިން ހިނގަމުން ދިޔައީ ގާތަކުގެ މަތިންނެވެ. އޭރު މޫދުގެ ލޮނުގަނޑު ހުރީ އެ ކުދިންގެ އުނަގަނޑާ ހަމައިގައެވެ. ނަމަވެސް ޖަހާލާ ރާޅާ އެކު ލޮނުގަނޑު ކުދިންގެ މެއާހަމައަށް އަރައެވެ. ކުއްލިއަކަށް ޖެހި ބޮޑު ރާޅަކާ އެކު ތިން ކުދިން މޫދަށް ދަމާލިއެވެ. ދެ ކުދިންނަށް ސަލާމަތަށް އަތުގައި ހިފުނު އިރު، އަތު ނުޖެހި ދަމައިގަތީ ނައްޔުއެވެ.
އެ ކުދިންނާ ހަވާލާދީ ނައްޔުގެ އާއިލާ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ރާޅާ އެކު ދަމައިގަނެގެން ދިޔަ އިރު ވެސް ނައްޔު އޮތީ ލޮނުގަނޑު މަތީގައެވެ.
"އަތުގަ ނުހިފުނީމަ އޮޔާ ދިޔައީ،" އޭނާ ކިޔައިދިއެވެ.
ނައްޔުގެ ބައްތީގެ އަލި އެ ކުދިންނަށް ގެއްލުމުން އެ ކުދިން އަވަސްވެގަތީ އެކަން ޕޮލިހުގެ ސަމާލުކަމަށް ގެނައުމަށެވެ.

ނައްޔު ގެއްލުނުކަމަށް ބުނާ ސަރަހައްދު --
"ދުވެފަ ހަމަ ޕޮލިސް ސްޓޭޝަނަށް ގޮސް އެ މީހުންނަށް ޕޮލިސް އިންޗާޖަކަށް ހުންނަ މީހާއާ ދިމާވެގެން މިވާހަކަ ކިޔައިދިނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ އަސަރާ އެކު ކިޔައިދިނެވެ.
އެ ހީސާބުން އެކަން ފުލުހުންގެ ސަމާލުކަމަށް އައިސް ނައްޔު ހޯދުމުގެ މަސައްކަތް ފެށިއެވެ. ފުލުހުން ބުނީ އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 22:45 ހާއިރު ކަމަށެވެ.
ނައްޔު ހޯދުމަށް ރޭ އެ ހިސާބުގައި އެމްއެންޑީއެފްގެ އިތުރުން އައްޑޫގެ ގިނަ ދޯނިތައް ހަރަކާތްތެރިވިއެވެ. އަދި، މިއަދު ހެނދުނު ވެސް އެ މަސައްކަތް ފަށައިގެން ދަނީ ކުރިއަށެވެ. ނަމަވެސް މިހާތަނަށް އޭނާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން މިހާރު މަސައްކަތް ކުރަނީ މަތިން ބަލައިގެން ނައްޔުގެ ނިޝާނެއް ފެނޭތޯއެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ގަމުގެ ފުއްޓަރު ފަރާތް ބަލައި ހޯދުމަށް މިއަދުގެ ހެނދުނު 10:25އިން ފެށިގެން ސިފައިންގެ ޑައިވަރުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ފުލުހުންނާއި ރަށުގެ އާންމުން ގުޅިގެން އަންނަނީ ހޭޅިފަށް ވެސް ބަލަމުންނެވެ. އެކަމަކު، މިހާތަނަށް ނައްޔުގެ ހިލަމެއް ވެފައެއް ނުވެއެވެ.
އާއިލާއިން ބުނީ، މިވަގުތު ގްރޭޑް 12ގައި ތައުލީމް ހާސިލުކުރާ ނައްޔުއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެއް ކަމަށެވެ. އޭނާއަކީ މޫދަށް ވެސް ގަދަ ކުއްޖެއް ކަމަށް އާއިލާއިން ބުންޏެވެ. އޭނާއަކީ އެ އާއިލާގައި ހުރި އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ އަންހެން ކުއްޖެކެވެ.
މި ވަގުތު މުޅި އައްޑޫގައި ވަނީ މާޔޫސްކަމާއި ހިތާމައެވެ. އެންމެންގެ ދުއާއަކީ ހެޔޮ ހާލުގައި ނައްޔު ފެނުމެވެ.