24 May 2012, 21:33
އިންޑިޔާގެ ހައިކޮމިޝަނަރު ޏާނޭޝްވަރު މުލޭ، ހުޅުމާލޭގައި ދިވެހި ކުންފުންޏަކުން އިމާރާތްކުރާ ހޮޓަލެއްގެ ބިންގާ، މިއަދު އަޅުއްވައިދެއްވައިފި އެވެ.
އެ ހޮޓަލްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތު އޮތީ ހުޅުމާލޭގައި ހޮޓަލް އިމާރާތްކުރާ ހިސާބުކަމުގައިވާ ހުޅުމާލޭ މެއިން ރޯޑު ސަރަހައްދުގަ އެވެ.
މެދުފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ބިނާ ކުރާ އެ ހޮޓަލަށް އިންވެސްޓްކުރަނީ އިންޑިޔާ މީހަކާ ކައިވެނި ކޮށްގެން އިންޑިޔާގައި ދިރިއުޅޭތާ 30 ހަކަށް އަހަރުވެފައިވާ ދިވެއްސެއް ކަމަށްވާ އަޙުމަދު ޕަޓޭލް އެވެ. އެ ހޮޓަލާ ގުޅޭގޮތުން އެ އިންވެސްޓަމަންޓުގައި ބައިވެރިވާ ދިވެހި ކުންފުނި، އިންސެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނީ އެ ހޮޓަލަކީ ޓެރަސްއާ އެކު ހަތަރު ބުރިއަށް އިމާރާތްކުރާ ހޮޓަލެއް ކަމަށެވެ.
ހޮޓަލްގެ ބިންގާ އެޅުމަށް މިއަދު މެންދުރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު އަހުމަދު ޕަޓޭލް ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ހުޅުމާލޭގައި ހޮޓަލެއް ބިނާ ކުރަނީ ރާއްޖެއަށް ހިދުމަތެއް ކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
"އަޅުގަނޑު އިންޑިޔާގައި ދިރިއުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ. މިހާރު ކުދީން ވެސް އެތިބީ ބޮޑެތި ވެފައި. އެހެންވީމާ މިހާރު އިތުރު ކަންކަމާ މެދު ވިސްނާނެ ވަގުތު މި އޮތީ ލިބިފައި. ދިވެހިރާއްޖެއަކީ އަޅުގަނޑުގެ އުފަން ވަޒަން. އެހެންވެ އަޅުގަނޑަށް ގަބޫލުކުރެވޭ މި ތަނުގައި ވެސް ކޮންމެވެސް ކަމެއް ކުރަން ޖެހޭނެޔޭ. އެހެންވެ މިކަން ކުރަން ނިންމީ." އައްޑު އަތޮޅަށް ނިސްބަތްވާ އަޙްމަދު ޕަޓޭލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހޮޓަލްގެ ބިންގާ ހައިކޮމިޝަނަރު މުލޭ އަޅުއްވައިދެއްވިކަމީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މުލޭއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު ދިރިއުޅެނީ ބޮންބޭގައި، އަޅުގަނޑުމެންގެ ހައިކޮމިޝަނަރަކީ ވެސް ހަމަ އެ ސްޓޭޓުގެ ބޭފުޅެއް. އެހެންވީމާ އަޅުގަނޑު ކުރާ މިކަހަލަ ކަމެއް، ފައްޓަވައިދެއްވަން އެންމެ ރަނގަޅު ބޭފުޅަކީ އަޅުގަނޑު ދެކޭގޮތުގައި އިންޑިޔާގެ ހައިކޮމިޝަނަރ. އަނެއްކޮޅުން ހައިކޮމިޝަނަރ މުލޭއަކީ ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިވެ ވަޑައިގަންނަވާ ބޭފުޅެއް. މިފަދަ ބޭފުޅަކު މިތަނުގެ ބިންގާ އަޅުއްވައިދެއްވުމަކީ އަޅުގަނޑު ދެކެނީ ވަރަށް ހެޔޮ ފާލެއް ކަމުގައި." އިންޑިޔާގެ ބޮންބޭގައި ދިރިއުޅުވަމުން ގެންދަވާ އަޙްމަދު ޕަޓޭލް ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އަލިއަޅުއްވާލައްވައި އެ އިންޑަސްޓްރީއަށް ޒަމާނާ ގުޅޭ ގޮތުން ބަދަލުތަކެއް ގެންނަންވެއްޖެ ކަމަށް ވިދާޅުވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ މިސްރާބު ހައި މާކެޓުން މިޑުލް މާކެޓަށް އަމާޒުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ފަތުރުވެރިކަން މިހާރު އަމާޒުވެފައި އޮތީ މުޅިން މަތީ ފެންވަރަށް. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި މެދު ފަންތީގެ ފަތުރުވެރިކަމަށް މިހާރު ހާއްސަ ސަމާލުކަމެއް ނުދީފިއްޔާ ކުރިމަގުގައި ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރު ކަމެއް އައިސްދާނެ. އެހެންވީމާ އަޅުގަނޑުމެންގެ މި މަސައްކަތަކީ މެދުފަންތީގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތެއް." އޭނާ ވިދާޅުވި އެވެ.
ބިންގާ އަޅުއްވައިދެއްވުމަށް ފަހު ހައިކޮމިޝަނަރު މުލޭ ވިދާޅުވީ، ހުޅުމާލެއަކީ ވަރަށް ހިތް ފަސޭހަ ތަނެއް ކަމަށާއި އެ ހޮޓަލް އިމާރާތްކުރުމުގެ މަސައްކަތް އަވަސް މުއްދަތެއްގައި ނިމި ހޮޓަލުގެ މަސައްކަތް ފެށިގެން ދާނެ ދުވަހަކަށް އިންތިޒާރު ކުރައްވާކަމަށެވެ.
އިންސެލް މޯލްޑިވްސް އިން ބުނީ ހޮޓަލުގެ އިމާރާތްކުރުމުގެ މަސައްކަތް އަހަރެއްހައި ދުވަހުގެ ތެރޭގައި ނިންމައި އަންނަ އަހަރުގެ ޖޫން ހާތާނގައި ހޮޓަލްގެ ހުޅުވައި ހިދުމަތް ދެވޭވަރު ވާނެ ކަމަށެވެ.