ކުޑަކުދިންނަށް އަޅައިލާ އޯގާތެރިވެ، ރަނގަޅު ތަރުބިއްޔަތެއްގެ ތެރެއިން ބޮޑުކުރުމުގެ މުހިންމުކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން އާކޮށްދީފިއެވެ.

ކުޑަކުދިންނަށް އަޅައިލުމާ އޯގާތެރިވުމުގެ މައުލޫގެ މައްޗަށް މިއަދުކީ ޚުތުބާގައި ބުނީ، ކުޑަކުދިން ރަނގަޅަށް ތަރުބިއްޔަތުކުރުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި، ދަރިން ތަރުބިއްޔަތުކުރުމުގައި އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމުގައި ފަސްޖެހުމަކީ ޚިޔާނާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މިކަމަށްޓަކާ އިސްލާމްދީނުގައި ކުޑަކުދިންނަށްޓަކާ ގިނަގުނަ ހައްގުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ހައްގަކީ ހެޔޮލަފާ އާއިލާއެއްގެ ތެރެއަށް ކުއްހާ އުފަންވެ، ރަނގަޅު ތަރުބިއްޔަތެއް ލިބިދިނުމުގެ ހައްގެވެ.

ޚުތުބާގައި ވަނީ ޔަތީމު ކުދިންނަށް އެހީތެރިވުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއީ އިސްލާމް ދީން ނުހަނު ބާރު އަޅުއްވާ ކަމެއް ކަމަށާއި މަތިވެރި ސަވާބާއި ދަރުމަ ހުރިކަމެއް ކަމުގައި ޚުތުބާގައި ބުންޏެވެ.

"އަހަރެމެންގެ މުޖުތަމައުން ކުޑަކުދީންނަށް ގޯނާކޮށް، އެ ކުދިންނަށް ލިބެންޖެހޭ ހައްގުތަކަށް ހުރަސްއަޅާ ބަޔަކު މަދުން ނަމަވެސް ފެނޭ،" ޚުތުބާގައި ބުންޏެވެ.

އާއިލީ މައްސަލަތަކުގެ ތެރެއަށް ދަރިފުޅު ވެއްދުމާ ގުޅޭގޮތުން ޚުތުބާގައި ބުނީ، ކުޑަ ކުއްޖަކު މަންމަގެ ކުލުނާ ދުރަށް ލުމަކީ ނުވަތަ ބައްޕައާ ބައްދަލުވިޔަނުދީ ގެންގުޅުމަކީ ވަރަށް ނުބައި ކަމެއް ކަމުގައެވެ. އެހެނީ އެ ކުއްޖާއަކީ ކޮންމެ މީހެއްގެ ފަޅިވަރެއް ކަމަށާއި އެއްފަޅި އަނެއްފަޅިއާ ވަކިކުރުމަކީ މުޅި ކުއްޖާ ރޫޅި ހިނގައިދާނެ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

މައިންބަފައިން ދަރިންނަށް ކުރާ އަނިޔާގެ ތެރޭގައި ޖިންސީ ގޯނާ ހިމެނޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއީ ބިރުވެތި ވާންޖެހޭ ކަމެއްކަމަށެވެ. އަދި، ކައިވެނި ހަރާމް މީހުން ﷲ ކަނޑައަޅުއްވާފައިވާ ކަމަށާއި އެ މީހުންނާ އެކު ޖިންސީ ގުޅުން ހިންގުމަކީ ގަދަފަދަ ވެގެންވާ އަޒާބު ކަނޑައެޅިފައިވާ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

"ކުޑަކުދިންގެ ކިބައިން މާތް ﷲ ވަނީ ތަކުލީފުގެ ބުރަ އުފުއްލަވާފައި. އެ ކުދިންގެ ކުށްތަކަށް މާފު ދެއްވާފައި. ވީމާ ތިޔަބައިމީހުން ވެސް އެ ކުދިންނަށް އޯގާތެރިވެ މާފު ކުރާށެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ކުދިން ކުރާ ކުށްތައް ރަނގަލު ކޮށްދޭން ޖެހޭނެ ކަމަށޭވެ. ނަމަވެސް ކުށް ރަނގަޅުކޮށްދޭނީ ބިނާ ކުރުވަނިވި ގޮތަކަށް ކަމަށާއި އުގޫބާތް ދިނުމުގެ ގޮތުން ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.