އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއާއި ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިސްރާއީލަށް ހިޖުރާކުރާ ޔަހޫދީންގެ އަދަދު ބޮޑުތަނުން ދަށްވެފައިވާ ކަމަށް އެ ގައުމުގެ ހިޖުރަކުރުމާބެހޭ ވުޒާރާއާއި ޔަހޫދީ އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ޖަމިއްޔާއިން އާންމުކުރި ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އިސްރާއީލަށް ގާތްގަނޑަކަށް 1،000 މީހުން ހިޖުރަކޮށްފައިވާއިރު، އެ މުއްދަތުގެ ކުރިން ކޮންމެ މަހަކު ހާހަކަށްވުރެ ގިނައިން އިސްރާއީލަށް ހިޖުރަކޮށްފައިވެއެވެ.

އިސްރާއީލުގެ އާބާދީ އިތުރުކުރުމުގެ ގޮތުން އިސްރާއީލުގެ ގާނޫނުގެ ދަށުން ޔަހޫދީންނާއި ޔަހޫދީންގެ ދަރިފަސްކޮޅަށް އިސްރާއީލަށް ބަދަލުވެ، ރައްޔިތުކަން ހޯދުމުގެ ފުރުސަތު އޮވެއެވެ.

ނަމަވެސް 1948ވަނަ އަހަރު ފަލަސްޠީނުގައި ޔަހޫދީން ދިން ޙަމަލާތަކާއި ގުޅިގެން ގެދޮރު ދޫކުރަން މަޖުބޫރުވި، ފަލަސްޠީނު ރައްޔިތުންނަށް އިސްރާއީލުގެ ރައްޔިތަކަށްވުމުގެ ހައްގު ދީފައެއް ނުވެއެވެ.

ފަލަސްޠީނު ރައްޔިތަކު އިސްރާއީލަށް ޒިޔާރަތްކުރުމަކީ ވެސް މަނާކަމެކެވެ.

މި އަހަރުގެ ފެށުނީއްސުރެ ނޮވެމްބަރު މަހުގެ ނިޔަލަށް ގާތްގަނޑަކަށް 44،372 ޔަހޫދީން އިސްރާއީލަށް ހިޖުރަކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 74،714 ޔަހޫދީން ވަނީ އިސްރާއީލަށް ހިޖުރަކޮށްފައެވެ.

ޔަހުދީންގެ ގާތްގަޑަކަށް 36،000 މީހުން ރަޝިޔާއިން ހިޖުރަކުރިއިރު، އެމެރިކާއާއި ކެނެޑާއިން ހިޖުރަކުރީ 2،495 މީހުންނެވެ.

މީގެ އިތުރުން އިތިއޮޕިއާއިން 1،678 މީހުން ހިޖުރަކުރިއިރު، ލެޓިން އެމެރިކާއިން 1،125 މީހުންނާއި، ފަރަންސޭސިވިލާތުން 945 މީހުން ހިޖުރަކުރިއެވެ.

އަލަށް ހިޖުރަކުރި މީހުން އިސްރާއީލުގެ 311 ސިޓީއަކާއި ރަށެއްގައި ދިރިއުޅެއެވެ.

އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ ވެރި ރަށް ތެލްއަވީވްގައެވެ. ތެލްއަވީވްގެ އިތުރުން ހައިފާ ސިޓީ، ނަތަންޔާހޫ ސިޓީ، ސިޓީ ބާޓްޔަމް، ޤުދުސް، އަދި އަޝްކަލޯންގައި ވެސް މީހުން ވަނީ ވަޒަންވެރިވެފައެވެ.