22 Dec 2023, 21:21
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމާ ބެހޭ އާ އެއްބަސްވުން އަވަސްވާނެކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ރަހީނުކޮށްފައިވާ އިތުރު މީހުން ދޫކޮށްލުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު، އިސްރާއީލުގެ މޮސާދާއި، ގަތަރުގެ ބޮޑުވަޒީރާއެކު ބައްދަލުކޮށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.
މީގެ އިތުރުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަތައް ދައްކަމުން އަންނައިރު، ފާޑުކިޔުންތައް ޣައްޒާގެ ވެރިކަންކުރާ ހަމާސަށް ވެސް އަމާޒުކުރަންޖެހޭނެ ކަމަށް އެމެރިކާގެ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ.
ޣައްޒާގެ އާންމުންނަށް ހަމަލާތައް ދިނުމުގެ ބަދަލުގައި ހަމާސްއަށާއި ހަމާސްގެ ޢިމާރާތްތަކަށް ހަމަލާތައް އަމާޒުކުރުމަށްވެސް ބްލިންކެން ވަނީ ޢިސްރާއީލަށް ގޮވައިލައްވައިފައެވެ.
ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމާ ބެހޭ މަޝްވަރާތައް ކުރަމުން އަންނަކަމަށް ވެސް ބްލިންކެން ވިދާޅުވިއެވެ. އަދި އެކަމަށް އެމެރިކާއިން ފުރިހަމައަށް ތާއީދުކުރާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބްލިންކެން އެގޮތަށް ވިދާޅުވެފައިވަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމާބެހޭ ޤަރާރަށް އދ.ގެ ސަލާމަތީ މަޖިލީހުން ވޯޓު ދިނުން ފަސްކޮށްފައި އޮތް ދަނޑިވަޅެއްގައެވެ.
ވޯޓު ދިނުން ފަސްކުރަން ޖެހުނީ ޤަރާރުގައި ހިމަނާފައިވާ ބަސްމަގާމެދު އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކުރުމުން އެ ކަން ހައްލުކުރުމަށެވެ. އޭގެ އިތުރުން ޣައްޒާއަށް ވައްދާ އެހީގެ ޓްރަކްތައް ބަލައި ފާސްކުރުމުގެ ޒިންމާ ހަމައެކަނި އދ.އަށް ދޭން ޤަރާރުގައި އޮތުމަކީ ވެސް އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމެކެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށް ގޮވައިލައި އދ ގެ ސަލާމަތީ މަޖިލީހުން މީގެކުރިން ހުށަހެޅި ދެ ގަރާރަށް ވެސް އެމެރިކާއިން ވަނީ ހުރަސް އަޅައިފައެވެ.