24 May 2012, 19:41
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގިނަ އަދަދެއްގެ ވަކި ލާރި ޖަހައިގެން މިއަދު މާލެ ގެނެސްފި އެވެ.
މިއަދު ހަވީރު އެމްއެމްއޭއަށް ދެ ކޮންޓެއިނަރެއްގެ ވަކި ލާރި ވެއްދިތަން ވަނީ ސަންގެ ނޫސްވެރިންނަށް ފެނިފަ އެވެ. ވަކިލާރީގެ ޝިޕްމަންޓްތައް އެމްޕީއެލްއިން ނެރެގެން އެމްއެމްއޭއަށް ވެއްދިއިރު ސިފައިންނާއި ފުލުހުން ގެންދިޔައީ ހަތިޔާރާ އެކު އެ ސަރަހައްދު ބަލަހައްޓަމުންނެވެ.
ގަވަރުނަރު ފަޒީލު ނަޖީބު ވެސް މިއަދު ވިދާޅުވީ އެމްއެމްއޭއަށް މިއަދު ގެނައީ ވަކި ލާރި ޝިޕްމަންޓްތަކެއް ކަމަށާއި އޭގެ ތަފްސީލް އަންނަ ހަފްތާގައި މީޑިޔާއަށް ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަކި ރޫޓިންއަކުން ހިނގާ ކަމެއް ކަމަށާއި އެކަމުގައި "އާދަޔާ ހިލާފު ކަމެއް ނުހިމެނޭ" ކަމަށެވެ.
"ވަރަށް އޮޕަރޭޝަނަލް ވަރަށް ރޫޓިން ކަމެއް އެއީ. އެކަމަކީ އެއްވެސް ހާލަތެއްގައި އާދަޔާ ހިލާފުކަމެއް އެކުލެވޭ ކަމެއް ނޫން. އެއީ ހަމަ ވަކިލާރިތަކެއް ގެނައީ،" ފަޒީލް ނަޖީބު މިއަދު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން، ޖީއެސްޓީ ނަގަން ފެށުމުން ވަކިލާރީގެ ތާށިކަމެއް އޭރު ވިޔަފާރިވެރިންނަށް ކުރިމަތިވި އެވެ. އެމްއެމްއޭ މެދުވެރިކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިހާރުވެސް އަންނަނީ ވިޔަފާރިވެރިންނަށް ވަކި ލާރި ދޫކުރަމުންނެވެ.