11 Aug 2010, 05:24
10:25
ބަރަކާތްތެރި ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވެފައި ވަނީ މި ބަރަކާތްތެރި މައްސަރާ އަޅުގަނޑުމެން ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައިބައިވުންތަކާއި ދެބަސްވުންތައް އެއްކިބާކޮށް، އެންމެހާ ފަރުދުންނާއި މުޅި ޤައުމުގެ ލާބައަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމަށެވެ.
ބަރަކާތްތެރި ރޯދަމަހަކީ، މުސްލިމުންގެ ތެރޭގައި އަބަދުމެ އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެއްބަނޑު އެއްބަފާކަން އަދި ދޭދޭ ފަރާތްތަކުގެ ގުޅުންތައް ބަދަހިކޮށް، އާރޯކުރުމަށް ޒަމާނުއްސުރެ އަހަރަކު އެއްފަހަރު ލިބިދޭ ވަރަށް މަތިވެރި ފުރުސަތެއް ކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެ އެވެ. އަދި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ޢަދުލުވެރިކަމާއި ހަމަޖެހުން އިތުރަށް ވަރުގަދަ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއްކަން ފާހަގަކުރައްވާ، އެމަގަށް މަސައްކަތް ކުރުމުގެ މަގު އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ރައީސްގެ ޚިތާބުގައި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފައިވެ އެވެ.