22 Dec 2023, 09:02
މާލޭގެ މޭޔަރަކު ހޮވުމަށް އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު އާދަމް އާޒިމްގެ މެނިފެސްޓޯގައި ބުޅަލުގެ މައްސަލަ ހަ މަސްދުވަހުގެ ތެރޭގައި ހައްލު ކުރުން ހިމަނައިފިއެވެ.
އާޒިމްގެ "ފެހި ތަނަވަސް މާލެ" މެނިފެސްޓޯ ލޯންޗު ކުރީ ސަލްޓަން ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މާލޭގައި ބޮޑުވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވަނީ "ސާފު މާލެ" ކެޓަގަރީގެ ދަށުންނެވެ. އެގޮތުން ބުޅަލަށް ހާއްސަ "ކެޓް" ޕާކެއް ތަރައްގީކުރަން ނިންމާފައެވެ. މި ޕާކުން ބުޅަލަށް ބޭނުންވާ ވެޓް ޚިދުމަތްތައް ވެސް ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިކަމުގެ އިތުރު މައުލޫމާތު ހިއްސާ ކުރަމުން އެމްޑީޕީގެ ޔޫތު ވިންގުގެ މެންބަރު މުހައްމަދު އަޒްމީލް ވިދާޅުވީ، މިކަމަށް އަދި ޓައިމް ލައިނެއް ކަނޑައެޅިފައި ނެތް ކަމަށެވެ.
"ޓައިމްލައިނެއް އަދި ހިއްސާއެއް ނުކުރައްވާ އެކަމަކު ހަ މަސްދުވަހުގެ ތެރޭގައި މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރެވިގެން ދާނެ،" އަޒްމީލް ވިދާޅުވީ އެ ވަރުގެ ދިރާސާއެއް މައްސަލަ ހައްލުކުރުމަށް މިހާރު ވެސް އޮތީ ހެދިފައި ކަމަށެވެ.
މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުޅާ ޝެލްޓާއެއް އެޅުމުގެ މަސައްކަތްތައް ފަށައިފައެވެ. އެގޮތުން މަސްވެރިންގެ ޕާކުގައި ބުޅާ ޝެލްޓާއެއް އަޅަން 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް މީގެ ކުރިން ވަނީ ސިޓީ ކައުންސިލުން ފާސްކޮށްފައެވެ.
ނަމަވެސް، އެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ. މާލޭގައި ބުޅާ ގިނަވެ ބުޅަލުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.