21 Dec 2023, 19:33
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ކުރިން ކުޅުނު އާޖެންޓީނާ ލެޖެންޑް އިޒޭކިއެލް ލަވޭޒީއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އުރުގުއާއީގައި އާއިލީ ޕާޓީއެއްގެ ތެރެއިން ހިނގި ޒުވާބަކަށްފަހު، ލަވޭޒީއަށް ވަނީ މީހަކު ވަޅިން ހަމަލާދީފައެވެ. އޭނާގެ ބަނޑަށް ވަޅި ހެރުމުން މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވަޅިއަކުން ހަމަލާދިން ކަމަށް ރިޕޯޓުތައް ބުނަމުންދިޔަ ނަމަވެސް، ލަވޭޒީގެ އާއިލާ އިން ވަނީ އެކަން ދޮގުކޮށްފައެވެ. އާއިލާ އިން ބުނާގޮތުގައި، ލަވޭޒީއަށް އަނިޔާވީ ބޮތްކެއް ބަދަލުކުރަން އުޅުމުގެ ތެރޭގައި ސިޑިއަކުން ވެއްޓިގެންނެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ލަވޭޒީއަށް އަނިޔާވި ރިޕޯޓާއެކު އެ ސަރަހައްދަށް ފުލުހުން ދިޔަ އިރު، އޭނާއަށް ޑޮކްޓަރުން ފަރުވާދެމުންދިޔަ ކަމަށާއި އެއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އަނިޔާ ވެފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން މިހާތަނަށް އެނގިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އުމުރުން 38 އަހަރުގެ ލަވޭޒީ، ފުޓުބޯޅަ އިން ރިޓަޔާކޮށްފައިވަނީ ހެބެއި ޗައިނާ ފޯޗުންގައި ތިން އަހަރު ހޭދަކުރުމަށްފަހު 2019 ވަނަ އަހަރުއެވެ. އޭނާ ވަނީ ޕީއެސްޖީ އާއި ނަޕޯލީގެ އިތުރުން އާޖެންޓީނާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.