އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ވީކެންޑްގެ ހަރަކާތްތައް މާދަމާ ހެނދުނު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އުރީދޫއިން ބުނީ މި ހަފުތާބަންދުގައި ކުރިއަށްގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޑްރޯން ރޭހާއި އެންމެ ބޮޑު 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ބައިވެރިވާ މިއުޒިކް ޝޯއެއް ކަމަށެވެ.

ފަން ރަން ވީކެންޑް ފުރަތަމަ ހަރަކާތެއްގެ ގޮތުން މާދަމާ ހެނދުނު 8:00 އިން 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނީ އުރީދޫ ޑްރޯން ރޭސް 2023ގެ ފައިނަލް ކަމަށް އުރީދޫއިން ބުންޏެވެ. މިރޭހުގައި ދެ ކެޓަގަރީއެއްގެ ޕައިލެޓުން ބައިވެރިވާނެ ކަމަށާއި އެއީ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯން)ގެ ޕައިލެޓުން ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ފަން ރަން ވީކެންޑްގެ ހަރަކާތްތައް މާދަމާ ހެނދުނު ފަށާނެ--- ފޮޓޯ/އުރީދޫ

އެ ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމަން ވާދަކުރާ ރޭހެކެވެ. ޑްރޯން ރޭހުގައި ބައިވެރިން ވާދަކޮށް 1ވަނަ 2ވަނަ އަދި 3ވަނައަށް ދާ ފަރާތްތަކަށް ޚާއްޞާ އިނާމުތަކެއްވެސް ދޭން ވަނީ ހަމަޖެހިފައެވެ.

އުރީދޫއިން ބުނިގޮތުގައި އުރީދޫ ފަން ރަންއަކީ އެންމެ ބޮޑު، އަދި ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ 5ކޭ ދުވުމެކެވެ. މި ދުވުން އޮންނާނީ މާދަމާ ހަވީރު 3:30 އިން ފެށިގެން 6:00އަށް ހުޅުމާލެގައެވެ.

އުރީދޫއިން ބުނީ މި ދުވުމުގައި އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ވެސް ބައިވެރިވާނެ ކަމަށެވެ.

ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސް ތަކާއެކު ތަފާތު ފަން ސްޓޭޝަންތައް ފެންނައިރު ފިނިޝިން ލައިނަށް ހިނގާފައި ނުވަތަ ޖޮގް ކޮށްފައި ނުވަތަ ނަށާފައިވެސް ދިޔުމުގެ އިޚްތިޔާރު ބައިވެރިންނަށް އޮންނާނެ ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތައް މާދަމާ ފަށާނެ --- ފޮޓޯ/އުރީދޫ

ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި މެޑަލްއަކާއި މިއުޒިކް ޝޯއަކާއެކު އުފާ ފާޅުކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދުއިން ބުނިގޮތުގައި، ފަން ރަން ނިންމާލުމަށް ފަހު އުރީދޫ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭގަނޑު 8:00އިން ފެށިގެން ކުރިއަށްދާނެއެވެ. އެ ޝޯ ކޮންމެ މީހަކަށް ވެސް ބަލައިލެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެ ޝޯގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި:

  • ހަބޭސް ބޮޑުބެރު

  • ޑިޓިއުން

  • މީރާ، ޝަމްބެ އަދި އިންމަ

  • ޑިޖޭ ދީދު

  • ޒަކިއްޓެ

  • ޓްރެފިކް ޖާމް

    ފަން ރަންގެ ހަރަކާތްތަކާއި ބެހޭ މައުލޫމާތު އުރީދޫގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ލިބޭނެއެވެ. އަދި ފަން ރަންގެ އުފާވެރިކަމުގައި އެންމެން ވެސް ބައިވެރިވުމަށް އުރީދޫއިން ވަނީ އެދިފައެވެ.