ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މި އަހަރުގެ ސްކޮލާޝިޕް ފަންޑް ލިބޭ ދަރިވަރުން ހޮވައިފިއެވެ.

ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ލިބޭ ދަރިވަރުންގެ ނަން ބީއެމްއެލްއިން މިއަދު ވަނީ ހާމަކޮށްފައެވެ.

މި ފުރުސަތު ލިބުނު ދަރިވަރުންނަކީ:

  • އާމިނަތު ޢަލްޔާ ޝާވިން

  • މުހައްމަދު ސާޖިއު އިސްމާޢިލް
  • މުހައްމަދު އައިކު ޢަލީ

ބީއެމްއެލްއިން ބުނީ، މިއީ ދަރިވަރުން ހޯދާފައިވާ ތައުލިމީ ނަތީޖާއަށް ބަލައި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ޚަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެއް ކަމަށެވެ. އެގޮތުން، މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމްއެއް ފުރިހަމަ ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްއިން ފެށިގެން ފައިނޭންޝިއަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އަދި އެނެލެޓިކްސް ފަދަ ބޭންކިންއާ ގުޅުންހުރި ގިނަ ދާއިރާތަކުން ތައުލީމް ހާސިލްކުރެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވަނީ، މި އަހަރުގެ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ދަރިވަރުންނަކީ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ، ލީޑާޝިޕް ހުނަރުތައް ހުރި، ކުރިމަގުގައި ހެޔޮ ބަދަލުތައް ދައްކުވައިދޭނެ ފަދަ ދަރިވަރުން ކަމަށް އެނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑު ލިބުނު ތިން ދަރިވަރުން އަންނަނީ ޔޫކޭ އާއި އޮސްޓްރޭލިއާގައި މަތީ ތައުލީމް ހާސިލްކުރަމުންނެވެ.