21 Dec 2023, 16:25
ރާއްޖޭގެ ރައްޔިތުންގެ ހާލު ވީހާ ވެސް ގާތުން ބެލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަތޮޅު ތެރެއަށް މިއަދު ދަތުރު ފައްޓަވައިފިއެވެ.
މި ދަތުރުފުޅުތަކާ ގުޅޭގޮތުން ސަރުކާރު ހިންގާ ކޯލިޝަން ޕާޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސިޔާސީ މަގާމުތަކާއި ސަރުކާރު އިސް ބޭފުޅުން ހިމެނޭ ވަފުދެއް މިއަދު ފުރާނެ ކަމަށެވެ.
"ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް ސަރުކާރުގެ ޓީމުތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިއަދު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި،" ހީނާ ވިދާޅުވިއެވެ.
މި ދަތުރުތަކުގައި ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާނެއެވެ. އަދި އެ ކަންކަން ހައްލުކުރުމަށް ޓަކައި ކުރެވެން ހުރި ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ރައީސް ޑރ. މުއިއްޒު ހުވައިކުރެއްވުމުގެ ކުރިން ވެސް އެ މަނިކުފާނުވަނީ އަތޮޅު ތެެރެއަށް މި ފަދަ ދަތުރުތައް ޚުދު އެ މަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސްވެރިން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރޭ، ކަންގަތި އެވޯޑު ދިނުމަށް އޮތް ހަފްލާގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވަނީ ރައްޔިތުންނާ ވީހާ ވެސް ގާތުން ކަމަށް ވިދާޅުވެފައެވެ.
އަދި ދައުލަތް ފުރިހަމައަށް ހިންގުމުގައި ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށާއި ރައްޔިތުންގެ ބޭނުންތަކާއި ދަތިތައް އޮޅުންފިލުވުމަކީ ވެސް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
އެއާއެކު ރައީސްވަނީ ރައީސް އޮފީސް ވެބްސައިޓުގައި ވެސް ސީދާ އެ މަނިކުފާނާ މުއާމަލާތު ކުރެވޭނެ ޕޯޓަލެއް ގާއިމްކުރަން ނިންމަވައިފައެވެ.