21 Dec 2023, 21:38
ލިވަޕޫލުގެ އަމިއްލަ ދަނޑުން ސަޕޯޓަރުންގެ ފޯރި ފެންނަމުން ނުދާ ކަމަށްބުނެ، އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ލިވަޕޫލުގެ "އެންފީލްޑް"ގައި އިއްޔެ ކުޅުނު އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ވެސްޓް ހާމް އަތުން 5-1ގެ ނަތީޖާއަކުން ލިވަޕޫލު ވަނީ މޮޅުވެފައެވެ. ޑޮޮމިނިކް ސޮބޮސްލާއީގެ ހިތްގައިމު ގޯލާއެކު ލިވަޕޫލުން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ސަޕޯޓަރުންގެ އަޑު މާބޮޑަށް އިވިފައި ނުވާ ކަމަށް ކޯޗު ކްލޮޕް ވަނީ ބުނެފައެވެ.
"މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް، ސަޕޯޓަރުންގެ ފަރާތުން ބޭނުންވާ ތަރުހީބު ފެނިފައިނުވުމުން އަހަރެން އެކަމާ އުފަލެއް ނުވޭ. އަހަރެމެން ގިނަ ބަދަލުތަކާއެކު ވެސްޓް ހާމްގެ މައްޗަށް ޑޮމިނޭޓުކޮށްގެން ކުޅުނިން. އަހަރެން ކުޅިބަލަން ހުރި ނަމަ، ކޮޅަށް ހުރެ ޓީމަށް ތަރުހީބު ދޭނަން،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ ރަނގަޅަށް ޓީމަށް ތަރުހީބެއް ނުދެވޭ ނަމަ، އެހެން މީހަކަށް ޓިކެޓު ހަދިޔާކުރުން ރަނގަޅުވާނެ ކަމަށާއި އަންނަ ހޮނިހިރު ދުވަހު އާސެނަލާ ދެކޮޅަށް ކުޅޭ ވަރުގަދަ ލީގު މެޗަށް ބޭނުންވަނީ ހަގީގީ އެންފީލްޑުގެ މަންޒަރު ކަމަށެވެ. އަދި އެ މެޗުގައި އެވަރުގެ ތަރުހީބެއް ދިނުމަށް ސަޕޯޓަރުންގެ ކިބައިން ކްލޮޕް ވަނީ އެދިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ލިވަޕޫލުން ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗަކަށް ވާނެއެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާއި ދެވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެހެންކަމުން އެ މެޗުން މޮޅެއް ހޯދައިގެން ލިވަޕޫލަށް އެއްވަނަ މަގާމަށް ޖެހިލެވޭނެއެވެ. ލިވަޕޫލުން އާސެނަލާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން އަންނަ ހޮނިހިރު ދުވަހުގެ ރޭ 10:30 ގައެވެ.