21 Dec 2023, 16:13
މޫދުގައި ހިނގާ އެކްސިޑެންޓްތަކުން މީހުން ސަލާމަތް ކުރުމަށް، ގާއިމްކުރި އާ ހިދުމަތެއް ކަމަށްވާ "ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް" ރަސްމީކޮށް ހުޅުވައިފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، މިއީ، މާލެއާއި އެއާޕޯޓާ ދެމެދު ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި އެކްސިޑެންތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ފޯރުކޮށްދެމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށް ގާއިމްކުރި ޕޮއިންޓެކެވެ.
އެއާޕޯޓް ޕޮލިހުން އިސްނަގައި މެރިން ޕޮލިހުގެ އެހީތެރިކަމާއެކު މި ގާއިމުކުރި ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓު ރަސްމީކޮށް ހުޅުވައިދެއްވީ ހެޑް އޮފް މެރިން ޕޮލިސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ.
މި ރަސްމިއްޔާތުގައި، ހެޑް އޮފް އެއާޕޯޓު ޕޮލިސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ރަޝީދު އާއި އެއާޕޯޓު ޕޮލިހުގެ މުވައްޒަފުންނާއި މެރިން ޕޮލިހުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

"ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް" ހުޅުވުން-- ފޮޓޯ/ފުލުހުން
އެ ރަސްމިއްޔާތުގައި އަދުނާން އަނީސް ދެއްކެވި ވާހަކަފުޅުގައި، މި ޚިދުމަތަކީ ބްރިޖު ސަރަހައްދުން ކަނޑުމަތީގައި ދިމާވަމުންދާ އެކްސިޑެންޓުތަކާއި އިންސިޑެންޓުތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅިގެންދިޔަ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި މިކަމަކީ ފުރާނަ ސަލާމަތްކުރުމަށް މޫދަށް ފުންމާލާ މީހާ އަދި އެއްގަމުގައި ހުރެގެންވެސް އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވިގެންދިޔަ މަގެއްކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، މިކަމަކީ މީގެ ފެށުންކަމަށް ބަލައި އެއާޕޯޓާއި މާލެއާއި ހުޅުމާލެ ސަރަހައްދަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައި އޮތް ސަރަހައްދަކަށްވެފައި އަދި މި ސަރަހައްދަކީ ކުދިބޮޑު އެންމެން މޫދަށް އެރިއުޅޭ އަދި މޫދުގެ އެކިއެކި ކުޅިވަރުތަކަށް ބޭނުންކުރަމުންދާ ސަރަހައްދަކަށްވާތީ މި ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއް ކަމަށް ވިދާޅުވިއެވެ. އަދި، މިފަދަ އިތުރު ޕޮއިންޓުތައް ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަކީ ސަލާމަތަށާއި ރައްކާތެރިކަމުގެ ގޮތުން ކުރެވިގެންދާނެ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.