21 Dec 2023, 15:25
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއަށް މިއަދު ޒިޔާރާތް ކުރައްވައިފިއެވެ.
ނައިބު ރައީސް އެ ވުޒާރާއަށް ވަޑައިގަތުމާއެކު އެ ވުޒާރާއިން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އިސްލާމި ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އެ ވުޒާރާއަށް ޒިޔާރާތް ކުރައްވައި އެ މަނިކުފާނު ވަނީ އެ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާވެސް ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑަށް އެދިލައްވާ ކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން އެދޭ ހިދުމަތް ދެވޭކަށް ކަށަވަރު ކުރެއްވުމަށް އެދިލެއްވިއެވެ.

ނައިބުރައީސް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން-- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު މާވީ
ހަފުތާ 14 ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި އެ ވުޒާރާގެ ދާއިރާއިން ބަދަލުތަކެއް ގެނެސްދެއްވައިފައިވާތީ ނައިބު ރައީސް ވަނީ އެކަމަށް ތައުރީފު ކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެ ވުޒާރާއަށް އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއްވައިފައެވެ.

ނައިބުރައީސް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން-- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު މާވީ
މީގެ އިތުރުން ރައީސް އޮފީހުން ބުނީ ވޭތުވެ ދިޔަ ހަތަރު ހަފުތާގައި އެ ވުޒާރާގެ މަސައްކަތްތައް ކުރިއަށް ދިޔަ ގޮތް ހުލާސާކޮށް އެ މަނިކުފާނަށް، ޑރ. ޝަހީމް ތަފްސީލުކޮށްދެއްވައިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އެ ވުޒާރާއިން ވަނީ "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުސޫލުތަކާއި ޤާނޫނުގެ ތަޞައްވުރު" ފޮތެއް ނައިބު ރައީސަށް ހަދިޔާ ކުރައްވައިފައެވެ.