24 May 2012, 18:54
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގައި އޭނާ މަގާމުން ވަކިކުރަން ބޭނުން ވަނީ އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ވޯޓު އޮޅުވާލުމަށް ކަމަށް އެ ޕާޓީގެ ރައީސް ކަމުގެ މަގާމުން ވަކިކޮށްފައިވާ އިބުރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
ޑރ. އިބުރާހިމް ދީދީ އާއި ނައިބު ރައީސް ކަމުން ވަކިކޮށްފައިވާ އަލްހާނު ފަހުމީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ދިޓީވީގެ ސްޓޯޑިއޯގައި ބޭއްްވި ނޫސްކޮންފަރެއްސެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް ތާއީދު ނުކުރާ އެމްޑީޕީގެ ލީޑާޝިޕްގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދަވަނީ އެމްޑީޕީގެ "ރޫހާނީ ލީޑަރު" ނަޝީދު އަޑީގައި ހުންނަވައިގެން ކަމަށާއި އެފަދަ ކަންކަން ކުރައްވަނީ ވަރަށް ހުދުމުހުތާރު ގޮތަށް ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ އިއްޔެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނަވައިގެން ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ޖަލްސާއެއްގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައި ނިންމި ނިންމުމަކީ ވަޒީފާއާ ބެހޭ ގަޥާއިދާ ހިލާފަށް ވަކި ސިޔާސީ މަގުސަދެއް ހާސިލްކުރަން ކުރެއްވި ކަމެއް ކަމަށެވެ.
"އިއްޔެ ޕާޓިގެ އޮފީހުގައި ބޭއްވި ގައުމީ ހިންގާ ކޮމިޓީގައި ރައީސް ނަޝީދު ވެސް ހުންނަވައިގެން އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ވަޒީފާ އާ ބެހޭ ގަވާއިދާ ވެސް ހިލާފަށް ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ޓަކައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ކަނޑައެޅި،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ އަލްހާނާއި އޭނާ މަގާމުން ވަކިކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ވާތީ އެ މައްސަލަ ކޯޓަށް ވެއްދުމަށްޓަކައި ބޭނުންވާ ޑޮކިއުމަންޓްތައް ހަމަކުރުމުގެ މަސައްކަތް ކުރައްވާ ކަމަށާއި އެކަމުގައި ވެސް އެމްޑީޕީގެ ސެކްރެޓޭރިއަޓުން އެއްބާރުލުން ނުލިބޭ ކަމަށާއި ނަމަވެސް ޑޮކިއުމަންޓްތައް ހަމަކުރެއްވުމަށް ފަހު ވަރަށް އަވަހަށް ކޯޓަށް އެމައްސަލަ ވައްދާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލްހާނު ވިދާޅުވީ ރައީސް ނަޝީދުގެ ސިޔާސަތާ ދެކޮޅަށް ޕާޓީގެ އެއްވެސް ފަރާތަކުން ވާހަކަ ދައްކައިފި ނަމަ އެބޭފުޅަކު ޕާޓީން ވަކިކުރުމުގެ ސިޔާސަތުތަކެއް އެމްޑީޕީގެ ތެރޭގައި ގެންގުޅެމުން އަންނަ ކަމަށާއި އެމްޑީޕީގެ އިދާރީ ނިޒާމާއި އޮނިގަނޑު ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް މުޅި ޕާޓީ އޮތީ ހައިޖެކްކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަށީގެންވާ ސަބަބުތަކަކާ ނުލައި ވަކިބަޔަކާ ގާތްގުޅުމެއް އޮންނަ ކަމަށް ބުނެ އެމްޑީޕީން ޝާހު ވަކިކުރަން މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޝާހު ވަކިކުރުމުގެ ވިސްނުމެއް ނަޝީދު އިސްކޮށް ހުންނަވައިގެން ފެއްޓެވި ކަމަށެވެ.
"އަޅުގަނޑު ފާހަގަކުރަން އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނިމިގެން އަޅުގަނޑާއި ޑރ. ޑީޑީ ޕާޓީގެ ލީޑާޝިޕަށް އިންތިހާބު ވި ދުވަހުން ފެށިގެން ރައީސް ނަޝީދާއި ރީކޯ މޫސަ އާއި މާރިޔާ އަހުމަދު ދީދީ އާއި މި ބޭފުޅުން ޝާހު ޕާޓީން ދުރުކުރުމުގެ މަސައްކަތް ފައްޓަވައިފި،" އަލްހާނު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އެމްޑީޕީން އޭނާގެ މައްސަލަ ހޫނޫވީ ޑރ. ޑީޑީގެ ފަރާތުން އިންތިހާބުގެ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވެ، އިންތިހާބުގައި އެއްވެސް މަކަރެއް ހެދުމަށް ފުރުސަތު ނުދީ އެކަންކަން މޮނީޓާކޮށް ބަލެހެއްޓި ހިސާބުން ކަމަށެވެ.
ވަގުތީ ޗެއާޕާސަން ރީކޯ މޫސާ އެ މަގާމަށް އައްޔަން ކުރި ހިސާބުން ވެސް މައްސަލަތަކެއް ފެންމަތިވާން ފެށި ކަމަށާއި އެނާގެ މައްސަލަތައް ޕާޓިގެ އިސް ފަރާތްތަކުން ރައީސް ނަޝީދާ ހަމައަށް ގެންދާ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ވަރަށް އިސް ބޭބޭފުޅުން އެ މަގާމުން އިސްތިއުފާ ދިނުމަށް އެދެމުން ދިޔަ ނަވެސް މިވީހާތަނަށް ވެސް އިސްތިއުފާ ނުދެއްވައި މަޑުކުރެއްވީ ޕާޓީ އަށް ހިދުމަތް ކުރައްވަން ކަމަށް ޝާހު ވިދާޅުވި އެވެ.
"ޕާޓީގެ އިސް ބޭބޭފުޅުން ވިދާޅުވަން ފަށައިފި އިސްތިއުފާ ދޭށޭ. މައުސޫމު ވެސް ތަކުރާރުކޮށް ވިދާޅުވި އިސްތިއުފަ ދޭށޭ. އިސްތިއުފާ ނުދީފި ނަމަ ނޯކޮންފިޑެންސް ޓޭބަލްކުރަން ބަޔަކު ގަރާރު ހުށައެޅި. އެ ގަރާރު ނަމަވެސް ގައުމީ މަޖިލިހަކަށް ހުށައެއް ނާޅާ. އަދި ރީކޯ މޫސާ މަނިކު ވެސް ވިދަޅުވި އިސްތިއުފާ ދޭށޭ." ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ޕާޓީގައި އޭނާ އަށް މުސާރަ ދޭނެ ފައިސާ ނެތް ކަމަށް ވެސް ވިދާޅުވި ކަމަށާއި ނަމަވެސް މުސާރަ ނުދިނަސް އެ މަގާމުގައި އެބޭފުޅާ ވަކިކުރަންދެން ހުންނަވާނެ ކަމަށެވެ.