21 Dec 2023, 13:50
މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް އަލުން ބިނާކޮށްދިނުމުގެ މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ނިންމެވީ ފްލެޓްތައް ބާވެ ރޫޅެމުންދާތީ، އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެތާނގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، މާލީ އެއްވެސް ތަކުލީފެއް، ނުޖައްސައި ދިރިއުޅެވޭނެ ގޮތް ހޯދާ ދިނުމުގެ ގޮތުންނެވެ.
ރޭ ކުރިއަށްދިޔަ "ކަންގަތި އެވޯޑް'2023 ގައި ވާހަކަފުޅު ދައްކަވަމު ރައީސް ވިދާޅުވީ މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާ ދިޔުމަކީ، އެމަނިކުފާނު ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ.
"މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސްއަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި މި ތިބިތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާއިމަށް ނިމުން ގެނެސްދޭނަން،" ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޙަފުލާގައި މި ސަރުކާރުން ގެންގުޅުއްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ތަފްޞީލީގޮތެއްގައި ވިދާޅުވެދެއްވައިފައިވެއެވެ. އެގޮތުން ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރައްވާފައިވެއެވެ.