އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ޢިސްރާއީލާއި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ދެމެދު ހަނގުރާމަ ފެށިފަހުން ޣައްޒާގެ ގާތްގަޑަކަށް 66 އިންސައްތަ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް މަސައްކަތްތެރިންނާ ބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއިން ބުނެފިއެވެ.

މިކަމުގެ ސަބަބުން އެޤައުމުގެ އިޤްޠިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް އެ އިދާރާއިން ބުނެއެވެ.

ފަސްދޮޅަސް ހަ އިންސައްތަ މީހުންގެ ޖުމްލަ ވަޒީފާގެ ޢަދަދަކީ 192،000 ކަމަށް މަސައްކަތްތެރިންނާބެހޭ އިދާރާއިން ބުނެއެވެ. ހަނގުރާމައިގެ ކުރިންވެސް 2.3 މިލިއަން މީހުންގެ އާބަދީއެއް އޮންނަ ޣައްޒާގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުންދިޔައީ ފަޤީރުކަމަށް ބަލާ މިންގަނޑަށްވުރެވެސް ދަށުގައެވެ.

މީގެ އިތުރުން ވަޒީފާ ނެތް މީހުންގެ ނިސްބަތް އެންމެ ގިނަ މީހުން ދިރިއުޅޭ ޤައުމަކަށް ފަލަސްޠީނުވެފައިވާއިރު، ފަޤީރު ކަމުގައި ދިރިއުޅެމުންދާ މީހުންގެ ނިސްބަތްވެސް އެންމެ ގިނައީ ފަލަސްޠީނުގައެވެ.

ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ ތިންބައިކުޅަ އެއްބަޔަށް އަރައިފައެވެ. މިއީ ފާއިތުވި އަހަރުތަކަށް ބަލާއިރު، ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ ބޮޑަށް މައްޗަށް ގޮސްފައިވާ އަހަރުކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

ޣައްޒާގައި މިހާރު އޮތް އިންސާނީ ކާރިޘާގެ ޙާލަތުގެ ސަބަބުން އެހެން ޤައުމުތަކަށް ބަރޯސާވެގެން މުޅި ޢުމުރު ފަލަސްޠީނު ރައްޔިތުންނަށް އުޅެންޖެހިދާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.