21 Dec 2023, 09:14
ފިލްމީ ދާއިރާގެ ފުރުސަތުތައް އާއިލީ ރައްޓެހިންނަށާއި ގާތް ތިމާގެ މީހުންނަށް ފަހިކޮށްދިނުމުގެ އެންމެ އިސްރޯލެއް އަދާކުރާކަމަށް ބުނެ ޕްރޮޑިއުސަރު ކަރަން ޖޯހަރަށް އަމާޒުކޮށް ވަރަށް ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ.
'ނެޕޮޓިޒަމް'ގެ ސަގާފަތް މި އިންޑަސްޓްރީގައި ދިރުވާ އެކަމަށް މަގުފަހިކޮށްދޭ އެންމެ އިސް ފަރާތަކީ ކަރަން ކަމަށް ބުނުމުން ޕްރޮޑިއުސަރު ބޭނުންވީ ފިލްމީ ދާއިރާގެ ކެމެރާގެ ފުރަގަހުގައި ހިނގާ ގިނަ ކަންކަން ހިމެނޭ ގޮތަށް މި ޝޯވް ބިޒްގެ ހަޤީޤަތް ކިޔައިދޭށެވެ.
ފިލްމެއް ސިނަމާތަކާ ހަމައަށް އައުމާ ހަމައަށް ކުރިޔަށްދާ މަރުޙަލާ ދައްކުވައިދޭ ވެބް ސީރީސް "ޝޯވް ބިޒް"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލިއިރު ފިލްމު އިންޑަސްޓްރީގައި ދިމާވާ ގިނަ ގޮންޖެހުންތަކުގެ ވާހަކަ މި ސީރީސްއިން ފެންނާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޑިޒްނީ ހޮޓް ސްޓާއާ ގުޅިގެން އުފައްދާ މި ވެބް ސީރީސް ބެލުންތެރިންނާ ހަމައަށް އަންނާނީ ކުރިޔަށް އޮތް އަހަރުއެވެ. އެކްޓަރު އިމްރާން ހާޝްމީ، މޯނީ ރޯއި، ނަސީރުއްދީން ޝާހް އަދި މަހީމާ މަކްވާނާ މުހިއްމު ރޯލްއިން ފެންނާނެއެވެ. މި ވެބް ސީރީސްއަކީ ކަރަން އާއި ޑިޒްނީ ހޮޓް ސްޓާ ގުޅިގެން ގެނެސްދޭ ދެވަނަ ޕްރޮޖެކްޓެވެ.

ވެބް ސީރީސް "ޝޯވް ބިޒް"ގެ މަންޒަރެއް-- ފޮޓޯ/އިންޓަނެޓް
ދާދިފަހުން ރިލީޒްކުރި ފިލްމު "ޓައިގާ3"އިން ފެނިފައިވާ އިމްރާން ބުނި ގޮތުގައި ނެޕޮޓިޒަމްގެ ވާހަކަ ދެކެވެން ފެށީ ބޭރުން ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްވާ ގިނަ ބަޔަކު އަބަދުވެސް މަސައްކަތް ކުރަނީ ފިލްމީ ދާއިރާއާ ގުޅުންހުރި މީހުންނާ ދެކޮޅަށް ވާހަކަ ދެއްކުމަށެވެ. އަދި އޭގެ ސަބަބުން ފިލްމީ ދުނިޔޭގެ ހަޤީޤަތް ނޭނގޭ މީހުންނަށް އެ ފަރާތްތަކުން ދައްކާ ވާހަކަތައް ފަސޭހައި ޤަބޫލުކުރެވި ފިލްމީ ދާއިރާއާ މެދު ނަފުރަތު އުފެދެން ފަށާ ކަމަށް އިމްރާން ވަނީ ބުނެފައެވެ.
މި ވެބް ސީރީސްއިން އެކަމަށް ނިމުން އަންނާނެކަމަށް އުއްމީދު ކުރާކަމަށް އިމްރާން ވަނީ ބުނެފައެވެ. ދަރުމާ ކުންފުނިން ގެނެސްދޭ މި ސީރީސް ޑައިރެކްޓް ކުރާނީ މިހިރް ދެ ސާއީ އަދި އާޗިތް ކުމާރެވެ.