20 Dec 2023, 23:34
ޣައްޒާއަށް ކުރިމަތި ކުރަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް، އދ. ގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނިއުޔޯކްގައި ކުރިއަށްދިޔަ އދ ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްސަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް، ފޮނުއްވި މެސެޖުގައެވެ.
ނިއުޔޯކްގައި ކުރިއަށްދިޔަ އދ.ގެ އާންމު މަޖިލީހުގެ 10ވަނަ ކުއްލި ޚާއްސަ ޖަލްސާގައި ރައީސްގެ ފަރާތްޕުޅުން، މި ބަޔާން އިއްވެވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑި އެފެއާޒް އަދި ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑރ. އިބްރާހީމް ޒުހުރީއެވެ.
ރައީސްގެ މެސެޖުގައި އދ.ގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލުމުގައި ފެއިލްވުމުގެ އިތުރުން، މި ކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުންދާކަން ވަނީ ފާހަގަކުރައްވައިފައެވެ.
އަދި މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އދ.ގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަމުންދާކަމުގައި ވިދާޅުވިއެވެ.
މީގެ 78 އަހަރު ކުރިން އދ. އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ފަދަ އަނިޔާވެރިކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ ކަމަށާއި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ތަހުގީގުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، ރާއްޖެއިން ގޮވާލައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ރައީސް ގޮވައިލެއްވިއެވެ.
ހަމައެއާއެކު އާންމު ރައްޔިތުންގެ ހިމާޔަތަށް ޚާއްސަ ސަމާލުކަމެއް ދިނުމާއެކު، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކުގައި ހިފަހައްޓައި އެ ގާނޫނުތަކުގައިވާ ގޮތަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ބާރުއެޅުއްވުން އިތުރުކުރުމަށް އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އަދި ގަވާއިދާ ޚިލާފަށް ފަލަސްތީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްތީނުގެ އިގްތިސާދު އެކަހެރިކުރުން ހުއްޓުވުމަށް، އިސްރާއީލު ސަރުކާރަށް، ބައިނަލްއަގްވާމީ ގޮތެއްގައި ބާރުއެޅުމަށް ރައީސް ވަނީ ގޮވައިލައްވާފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ރަހުމު ކުޑަ ޖަރީމާތަކުގައި މިހާތަނަށް 19،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ.