20 Dec 2023, 22:43
މި ސަރުކާރުން ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދިގު މުއްދަތުގެ ދާއިމީ ހައްލެއް ގެނައުމަށް ރޭވި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަށް ބަޖެޓު ހަމަޖެހިފައިވާކަމަށާއި އެ ކަމަށް ދިވެހި ސަރުކާރުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވީ މީގެ ދެ ދުވަސް ކުރިން ހޯމަ ދުވަހެވެ. ނަމަވެސް މަޝްރޫއަށް އަންނަ އަހަރަށް ބަޖެޓުކޮށްފައި އޮތް އަދަދުވަނީ މަޖިލީހުން އުނިކޮށްފައެވެ.
އެ ކަމުގެ ކަންބޮޑުވުން ހިއްސާކުރައްވަމުން، މިރޭ އޮތް ކަންގަތި އެވޯޑު ދިނުމުގެ ހަފުލާގައި ރައީސް ވިދާޅުވީ އެއީ ބަޖެޓު ލިބިގެން ނޫނީ ނުވާނެ ވަރުގެ ބޮޑު ކަމެއްކަމަށެވެ.
ނަމަވެސް މަޖިލީހުން ސަރުކާރާ މަޝްވަރާކުރުމެއް ނެތި އަންނަ އަހަރަށް އެ ކަމަށް އޮތް ބަޖެޓު އުނިކޮށްލުމުން ރައީސްވަނީ ކަންބޮޑުވުން ހިއްސާކުރައްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލްތަކަށް އެވޯޑު ދިނުމުގެ ޖަލްސާގައި --
އެގޮތުން އެ މަނިކުފާނުވަނީ ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިންމެވި ނިންމެވުމަކީ ގައުމާއި ރައްޔިތުން ނިންމުމާ އެއްގޮތަށް ނިންމި ނިންމުމެއްތޯ ސުވާލު އުފައްދަވައިފައެވެ.
"އެއީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟ އެއީ ދިވެހި ގައުމާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟... އެކަމަކު ދިވެހީންގެ ރައްޔިތުންގެ މަޖިލީހުން އެ ނިންމުން އެ ވަނީ ނިންމައިފައި," ރައީސް ވިދާޅުވިއެވެ.
ނަމަވެސް ބަޖެޓު އުނިކުރި ނަމަވެސް އެ މަޝްރޫއަށް ފައިސާ ހަމަޖެހިފައިވާކަމަށާއި އެ ކަމަށް ދިވެހި ސަރުކާރުން ހޭދައެއް ކުރަން ނުޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މި ކަމުގެ އިތުރު ތަފްސީލް އެ މަނިކުފާނު ހިއްސާނުކުރައްވައެވެ.
އެ މަނިކުފާނާ ރައްޔިތުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރެއިން ހުރިހާ ރައްޔިތުން ވެސް ހިއްސާކުރި މައިގަނޑު އެއް ކަންބޮޑުވަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ.
މިއަދު ވެސް ތަކުލީފުގެ ވާހަކަތަކާއި އަޑު އެ މަނިކުފާނު ހަނދާން އެބަހުންނެވިކަމަށާއި އެ ދަތި އިހުސާސްކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެހެންވެ ފުށިދިއްގަރު ފަޅު ހިއްކައި، 'ރަސްމާލެ' ސިޓީ ތަރައްގީކުރަން ނިންމެވީ، އެ ހުރިހާ ރައްޔިތުންނަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ މަގްސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހީންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބަކާއެކު ނިކަމެތި ހާލުގައި ރައްޔިތުން ތިބެ ގެދޮރުވެރިކަމަށް 'ސަލާންޖަހަން' ޖެހުން ނިމުމަކަށް ގެންނަވާނެކަމަށެވެ. އެއީ ރައްޔިތުން ދެކެ ލޯބިވެވަޑައިގަންނަވާތީކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުމަކީ ގައުމު ކުރިއަރައި ދިއުމަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.