20 Dec 2023, 22:09
މިހާރު ދިވެހިރާއްޖޭގެ ގާނޫނު އޮތް ގޮތުން އާ ބާވަތެއްގެ ޑުރަގް އެތެރެކުރި ނަމަވެސް ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތްކަމަށް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ 'ހޯމް ޓީމް' އިން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ގާނޫނުގެ ގޮތުގައި ރާއްޖޭގައި މިހާރު އޮތް ގާނޫނަކީ 2011 ވަަނަ އަހަރު ވުޖޫދަށް ވުޖޫދުކުރި ގާނޫނެއްކަމަށެވެ. އެ ގާނޫނުގައި މަނާ ކޮށްފައިވަނީ 139 ބާވަތެއްގެ މަސްތުވާތަކެތިކަމަށް އޭނާ ވިދާޅުވިއެވެ.
އެެހެން ކަމުން އެ ގާނޫނުގައި ބަޔާން ނުކުރާ ބާވަތެއްގެ މަސްތުވާތަކެއްޗެއް އެތެރެކުރި ނަމަވެސް ގާނޫނީ ގޮތުން އެ ކަމަށް ވަކި ޚާއްސަ ފިޔަވަޅެއް ނޭޅޭނެކަން އޭނާވަނީ ފާހަގަކުރައްވައިފައެވެ.
އޭނާ ވިދާޅުވީ އެ ގާނޫނު ހެދިފަހުން އެ މުއްދަތުގެ ތެރޭގައިވެސް މުޅިން އަލަށް، ތަފާތު އަށް ބާވަތެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.
ނަމަވެސް މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލުގައި، އެ ތަކެތި ހިމެނިފައި ނުވާތީ، އެ ތަކެތި އެތެރެ ކުރުމުން ވެސް ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އޭނާވަނީ ފާހަގަކުރައްވައިފައެވެ.
"އެހެން ނަމަވެސް މި މުއްދަތުގެ ތެރޭގަ އަޅުގަނޑުމެންނަށް ތަފާތު އަށް ބާވަތެއްގެ އިތުރު މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ، ޖަދުވަލުގައި ނުހިމެނޭތީވެ، މި ދެންނެވި ގާނޫނީ މިންގަނޑުގެ ތެރޭގަ އެ މަސައްކަތް ނުކުރެވިގެން އެބަ ދޭ،" އޭނާ ވިދާޅުވިއެވެ.
އަލަށް ރާއްޖެ އެތެރެކުރި އަށް ބާވަތުގެ މަސްތުވާތަކެއްޗަކީ ވެސް ޔޫއެންއޯޑީސީގެ ގައިޑްލައިންތަކުގައާއި ބެސްޓް ޕްރެކްޓިސްތަކުގައި ވެސް މަސްތުވާތަކެތި ކަމަށް ހުރިހާ ހާލާތްތަކުގައި ވެސް ބަލައި މަސްތުވާތަކެތި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދުނިޔޭގައި ވެސް މިއަދު މަސްތުވާތަކެތީގެ ޓްރެފިކިން އޮތް ގޮތަށް ބަލާއިރު ގާނޫނުގެ ތެރެއިން މި ކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ.
މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި 907 މީހުން ބަލައި ފާސްކުރިއިރު އޭގެ ތެރެއިން 34 ދިވެއްސަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.
ބިދޭސީންގެ ތެރެއިން މަސްތުގެ ހާލަތުގައި އަތުލައިގަތް 33 މީހަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާކަން ވެސް އޭނާ ވަނީ ފާހަަގަކޮށްފައެވެ.