21 Dec 2023, 10:20
އިންގްލިޝް ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓްގެ އާ ކޯޗަކަށް ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ ހަމަޖައްސައިފިއެވެ.
ނޫނޯ މި މަގާމަށް ހަމަޖައްސައިފައި މި ވަނީ ކުރިން އެ މަގާމްގައި ހުރި ސްޓީވް ކޫޕާ ރޭގެ ވަގުތެއްގައި މަގާމުން ވަކިކުރުމަށްފަހުއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނޫނޯ ފޮރެސްޓްގެ ކޯޗް ކަމުގެ މަގާމާއި ހަވާލުވެފައިވަނީ ދެ އަހަރާއި ހަމަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ނޫނޯ އަކީ ޕްރިމިއާ ލީގަށް އާ ކޯޗެއް ނޫނެވެ. އޭނާވަނީ ވުލްވަހެމްޕްޓަން ވޮންޑަރާސްގެ ހަތަރު އަހަރު ހޭދަކުރިއިރު އޭގެ ތެރެއިން ތިން އަހަރު ޕްރިމިއާ ލިގަށް އެ ޓީމް ޕްރޮމޯޓް ކޮށްދީ ދެ ސީޒަނެއްގައި ލީގުގެ ހަތްވަނައިގާ އޮވެ އެ ޓީމް ނިންމާލުމަށް އެހީތެރިވެދީފައެވެ.
އޭނާ ވުލްވްސް ދޫކޮށްލީ 2021 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕާގެ ކޯޗް ކަމުގެ މަގާމް ހުށަހެޅުމާއެކުއެވެ. ނަމަވެސް ސްޕާސްގައި ހަތަރުމަސް ވީ ތަނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެންމެ ފަހުން އޭނާ އަދާކޮށްފައިވަނީ ސައުދީ ޕްރޯ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދުގެ ކޯޗް ކަމެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ މަހު އެ މަގާމުން ވަކިކޮށްފައެވެ.
އުމުރުން 49 އަހަރުގެ ނޫނޯގެ ކޯޗް ކަމުގެ ދަށުން ފޮރެސްޓް ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މި އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ބޯންމޯތާއި ދެކޮޅަށް ކުޅޭ މެޗެވެ. ފޮރެސްޓް މި ވަގުތު އޮތީ ތާވަލްގެ 17 ވަނައިގައެވެ. ފޮރެސްޓްގެ ވެރިން ކޫޕާ މަގާމުން ވަކިކޮށްފައިވަނީ އެ ޓީމް އެންމެ ފަހުން ކުޅުނު ހަ މެޗްގެ ތެރެއިން ފަސް މެޗުން ބަލިވުމާ ގުޅިގެންނެވެ. އަދި އެންމެ ފަހުން ކުޅުނު 13 މެޗްގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
އެހެން ކަމުން ނޫނޯއަށް ފޮރެސްޓް އާއި ހަވާލުވާން ޖެހިފައިމިވަނީ އެންމެ ރަނގަޅު ވަގުތަކު ނޫނެވެ. ނަމަވެސް ނޫނޯ އަކީ މިއަޑިގަނޑުން ފޮރެސްޓް އެރުވުމަށް މިވަގުތަށް އެންމެ ރަނގަޅު ކޯޗް ކަމުގައި ދެކޭމީހުން ވެސް މަދެއް ނޫނެވެ.