20 Dec 2023, 20:28
ތަމްރީނު ލިބިފައިނުވާ މަސައްކަތްތެރީން ނުވަތަ އަންސްކިލްޑް ލޭބަރުން ހަމައެކަނި ބަންގްލަދޭޝުން ގެނެވޭ ގޮތަށް އޮތް ނިންމުން ބަދަލުކޮށް ނޭޕާލުންނާއި އިންޑިއާއިން ވެސް ލޭބަރުން ގެނައުމުގެ ހުއްދަ ދީފިއެވެ.
މިއަދު އިސްކަންދަރު ކޮށީގައި އޮތް 'ހޯމް ޓީމް'ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިއަދުން ފެށިގެން އިންޑިއާ އާއި ނޭޕާލުން ވެސް އަންސްކިލްޑް ލޭބަރުން ރާއްޖެ ގެނެވޭނެކަމަށެވެ.
އަދި އެހެން ގައުމުތަކުން ވެސް، އެ ގައުމުތަކާ ގުޅޭގޮތުން ހަދާ އެސެސްމަންޓުތައް ނިމުންމުން އެ ގައުމުތަކަށް ބޯޑަރު ހުޅުވުމުގެ މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިއަދުން ފެށިގެން އިންޑިއާ އަދި ނޭޕާލުން އަންސްކިލްޑް ބިދޭސީ ލޭބަރުން ގެނައުމަށް ބޯޑަރު މިވަނީ ހުޅުވައިލައިފައި. އެހެން ގައުމުތަކުގެ އެސެސްމަންޓްތައް ނިންމުމަށް ފަހުގައި، އެ ގައުމުތަކަށް ވެސް ހުއްދަ ދޭނަން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިދިޔަ އާދިއްތަ ދުވަހު ސަރުކާރުން ނިންމީ ރާއްޖެއަށް ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭނީ ހަމައެކަނި ބަންގްލަދޭޝްއިން ކަމަށެވެ. މިގޮތަށް ނިންފައިވަނީ ނިމިދިޔަ ސަރުކާރުން، ރާއްޖެއަށް ބަންގްލަދޭޝް ލޭބަރުން އެތެރެކުރުން މަޑުޖައްސައިލައިފައި އޮންނަތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުންނެވެ.
ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ރާއްޖެ ގެނައުން ހުއްޓާލާފައި ވަނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.