24 May 2012, 16:24
ދެމަފިރިންނަށް ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މަސައްކަތް ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލްގެ ގަވާއިދު އޮންނަ ގޮތުން މީގެކުރިން އެ ބޭންކްގައި ދެމަފިރިންނަށް މަސައްކަތެއް ނުކުރެވެ އެވެ.
ނަމަވެސް މިއަދު އެ ބޭންކުން ނެރެފައިވާ ބޭންކްގެ މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަޔާންކޮށްފައިވާ "އެންޕްލޯއީސް ހޭންޑް ބުކް" އަށް އިއްޔެ ގެނެސްފައިވާ ބަދަލާ ގުޅިގެން، އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ މުވައްޒަފުންނަށާއި ދެމަފިރިންނަށް ވެސް އެ ބޭންކުގައި މަސައްކަތް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އަލަށް ހަމަޖައްސާފައިވާ އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އާއިލީ ގޮތުން ގާތްގުޅުމެއް އޮންނަ އެތަނުގެ މުވައްޒަފުންނަށް އެ ބޭންކްގައި މަސައްކަތް ކުރެވޭނެ އެވެ. ނަމަވެސް އެ ބޭންކްގެ އެއް ބްރާންޗެއްގައި ނުވަތަ އެއް ޑިޕާޓްމަންޓެއްގައި މަސައްކަތެއް ނުކުރެވޭނެ އެވެ.
މިފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި އާއިލީ ގޮތުން ގާތްގުޅުމެއް އޮންނަ އެ ދެ މުވައްޒަފުންގެ ތެރެއިން ކޮންމެވެސް އެކަކު އެބޭންކުގެ އެހެން ބްރާންޗަކަށް ނުވަތަ އެހެން ޑިޕާޓްމަންޓަށް ބޭންކުގެ އޮޕަރޭޝަންތަކަށް ބުރޫ ނާރޭނެ ފަދަ އުސޫލަކުން ބަދަލުކުރެވޭނެ ކަމަށް ބީއެމްއެލްގެ އެ މެމޯގައި ބުނެފައިވެ އެވެ.
ބޭންކްގެ ހެޑް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ ކުރިން ވެސް ބީއެމްއެލްގައި އާއިލީ ގޮތުން ގާތްގުޅުމެއް އޮންނަ މީހުންނާ އެކު ވަޒީފާ އަދާކުރެވޭ ކަމަށާއި ނަމަވެސް އަލަށް ހަމަޖައްސާފައިވާ އުސޫލުގެ ދަށުން ދެ މަފިރިންނަށް ވެސް ބީއެމްއެލްގައި މަސައްކަތް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ރަސްމީ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް އެފަދަ ބަދަލެއް ގެނެސްފައިވާކަން އެ ބޭންކުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ބީއެމްއެލްގެ އެންޕްލޯއީސް ހޭންޑްބުކްގައި އާއިލީ ގޮތުން ގާތްގުޅުމެއް އޮންނަ މީހުންގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ ދެމަފިރިންނާއި މައިންބަފައިންނާއި ކާފަ، މާމަ އަދި ދަރިންގެ އިތުރުން ދޮންމަންމަ ނުވަތަ ދޮންބައްޕަ އަދި ދޮންމަގެ ދަރިންނާއި ދޮން ބައްޕަގެ ދަރިންނާއި ދޮންދަރިންނެވެ.