20 Dec 2023, 19:53
ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު ފުރަތަމަ ކަނޑައެޅި 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒަށް ވާސިލް ވުމުން، ދެން އޮތް 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒަށް ވެސް ވާސިލް ވާނެކަމުގެ އުންމީދު އާވެއްޖެ ކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިއަދު 1.8 މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒަށް ހާސިލްވިއިރު، 1.8ވަނަ ފަތުރުވެރިޔާއަކީ ނެދަލޭންޑްސްއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ ރާއްޖެ އައީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.
ރާއްޖެއަށް މި އަހަރު އައި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވަނީ ހަފްލާއެއް ބާއްވައިފައެވެ. އެ ހަފްލާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތް ތައުފީގާއި އިމިގްރޭޝަނާއި އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، ފަތުރުވެރިކަން މިހާރު ކުރިއަށްދާގޮތަަށް ގޮސްފިނަމަ، 1.9 މިލިއަން ފަތުރުވެރިންގެ އަމާޒަށް މި އަހަރު ވާސިލްވެވޭނެކަމަށް ބެލެވޭކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ވެސް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5،000 ފަތުރުވެރިން އަންނަ ކަމަށެވެ.
"ކޮންމެ ދުވަހަކު ވެސް އެއަށް [ފަތުރުވެރިން އަންނަ މިންވަރަށް] ޗޭންޖެސްތަކެއް އަންނާނެ ދެއްތޯ. އެހެންވީމަ އެ އަދަދު އެހާ ޑައިރެކްޓް ކޮށް ނުބުނުން ކަންނޭންގެ އެންމެ ރަނގަޅު ވާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު ކަމެއް ދީގެން ކުރާ ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްކަމަށެވެ.
"ރައީސް ޑރ. މުއިއްޒުގެ ވެސް އެންމެ ކީ އެއް ޕްލެޖް އެއީ އަށްމަހާއި ނުވަމަސް ތެރޭގައި އެ ޕްރޮޖެކްޓް ނިންމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިޔާ ސެޓްފަންއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ސްޓެފަން ބުނީ، އޭނާ ރާއްޖެ އައިއިރު މިފަދަ ޝަރަފެއް ލިބޭނެ ކަމަށް ހީނުކުރާ ކަމަށެވެ. އޭނާ ރާއްޖެ އައީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ކަމަށާއި އެންމެ ބޭނުން ވަނީ އަވީގައި މޫދުގައި ވަގުތު ހޭދަކުރަންކަމަށް ސްޓެފަން ބުންޏެވެ.
ސްޓެފަންއާއި އޭނާގެ އާއިލާ ރާއްޖޭގައި ހޭދަކުރާނީ ހަތަރު ދުވަހެއެވެ.
"ދެން ދާނީ ސްރީ ލަންކާއަށް. އަނެއްކާ ވެސް އެއަށް ފަހު ފަސް ދުވަހަށް ރާއްޖެ އައިސް ދެ ރަށަކަށް ދާނަން،" އޭނާ ބުންޏެވެ.