20 Dec 2023, 17:49
ޖެނުއަރީ މަހު، މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭ ޖަލު ހުސްކޮށް ނިންމައިލެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ކަރެކްޝަނަލް ސާވިސްގެ އޭސީޕީ މުހައްމަދު އާސިފް ވިދާޅުވެއްޖެއެވެ.
އާސިފް މިހެން ވިދާޅުވީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ އުންމީދަކީ ދެވަނަ ޓާމު ފެށުމުގެ ކުރިން އެއްކޮށް މާލޭ ޖަލު ހުސްކުރުން ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ވަނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުން ބައެއް ދަރިވަރުންނަށް ކުރިމަތިވާ ބައެއް ނޭދެވޭ އަސަރުތަކާ ގުޅިގެން، މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިހާރު އެ އިދާރާއިން އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަނީ މާލޭގެ ޖަލު ހުސްކުރުމުގެ މަސައްކަތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ މާލޭ ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކުގައި ތިބި ގައިދީންނަށް ބަދަލު ގެނެސް މާފުށީ ޖަލުން އިތުރު ޖާގަ ހަދައި، އަދި އައްސޭރި ޖަލުން އިތުރު ޖާގަ ހަދާ، މާލޭ ޖަލުގައި ތިބި ބައެއް ގައިދީން އަޅުގަނޑުމެން މި ދަނީ އެހެން ޖަލުތަކަށް ބަދަލު ކުރަމުން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދަނާލު ފުރަގަހުގައި ހުރި، 'އެންއެކްސް ވަން' ގެ އިމާރާތަށް ބަދަލުތަކެއް ގެނެސް ކޯޓަށާއި މެޑިކަލް ފަރުވާއަށް ކޮންމެ ދުވަހަކު މާލެ ގެންނަ ގައިދީން އެތަނުގަ ބޭތިއްބުމުގެ އިންތިޒާމުތަށް ހަމަޖެއްސުމަށް އެތަނުގެ ބައެއް މަރާމާތް ވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެއްކޮށް ހަދައި ނިންމާ، ކިޔަވައިދިނުން އާ އިމާރާތަށް ބަދަލުކުރީ މިދިޔަ އަހަރެވެ. ދަރުމަވަންތަ ސްކުލުގެ އާ އިމާރާތް ހުންނަނީ މާލޭ ޖަލާ އިންވެގެންނެވެ.