21 Dec 2023, 10:07
އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއާސް އަތުން ބޮސްޓަން ސެލްޓިކްސް ބަލިވެއްޖެއެވެ.
ސެން ފްރަންސިސްކޯގެ ޗޭސް ސެންޓާގައި ކުޅުނު މި މެޗް ވޮރިއާސް ކާމިޔާބު ކޮށްފައިވަނީ އޯވާ ޓައިމް ކުޅެ 132 ޕޮއިންޓް 126 ޕޮއިންޓުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ކްއާޓާގައި ވަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެލްޓިކްސް އިން 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނަމަވެސް ވޮރިއާސްއިން ވަނީ ދެވަނަ ކްއާޓާގައި އެ ޓީމްގެ ކުޅުން ރަނގަޅު ކޮށް މި ފަރަގު ދެ ޕޮއިންޓަށް ކުޑަ ކޮށްފައެވެ. ސެލްޓިކްސްއިން ތިން ވަނަ ކްއާޓާގައި ހަ ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ހަތަރު ވަނަ ކްއާޓާ މި ދެތީޓް ވެސް ނިންމާލީ 121 ޕޮއިންޓާއެކުއެވެ.
މި މެޗްގެ އޯވާ ޓައިމްގައި ވޮރިއާސްއިން ކުރި ހޯދީ 11 ޕޮއިންޓް ފަސް ޕޮއިންޓުންނެވެ. މި މެޗްގައި ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ސްޓެފަން ކަރީއެވެ. އަދި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ޖޭލެން ބްރައުންއެވެ.
މި މުބާރާތުގައި މިލްވައުކީ ބަކްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗް 132 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބު ކުރީ ބަކްސްއެވެ. މި މެޗްގައި ބަކްސްގެ ޑާމިއަން ލިލާޑްވަނީ 40 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި ސްޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ 12 ރީބައުންދް ނަގައިދީ އެއް އެސިސްޓް ދިން ކެލްޑަން ޖޯންސަންއެވެ.
މި މުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު މެމްފިސް ގްރިޒްލީސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗް 115 ޕޮއިންޓް 113 ޕޮއިންޓުން ގްރިޒްލީސް ކާމިޔާބު ކުރިއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް އާއި ފިނިކްސް ސަންސް ބައްދަލުކުރި މެޗް 109 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބު ކުރީ ޓްރެއިލް ބްލޭޒާސްއެވެ.