20 Dec 2023, 23:48
ކަރަބާއޯ ކަޕްގެ ސެމީފައިނަލް އިން ފުލަމް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ފުލަމް ޖާގަ ހޯދައިފައިވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ އެވަޓަންއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 7-6ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ދެއްކިއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ ފުލަމްއިންނެވެ. މެޗުގެ 41ވަނަ މިނެޓްގައި ފުލަމްއިން ކާމިޔާބުކުރި މި ލަނޑަކީ އެވަޓަންގެ ޑިފެންޑާ މައިކަލް ކީން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފްގައި ވެސް ބޮޑަށް ފެނުނީ އެވަޓަންއިން ހަމަލާ އުފައްދަމުން ދިޔައިރު ފުލަމްއިން ޑިފެންސަށް ބޮޑަށް އިސްކަން ދީގެން ކުޅެމުންދިޔަ ތަނެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް އެވަޓަންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 82ވަނަ މިނެޓްގައި ބޭޓޯއެވެ. އެވަޓަންއިން އިތުރު ލަނޑެއް ޖަހައި މެޗު ކާމިޔާބު ކުރެވޭތޯ މަސައްކަތްކުރި ނަމަވެސް އެ ކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ފުލަމް ވަނީ ވޭތުވެދިޔަ 22 ސީޒަންގައި ފުރަތަމަ ފަހަރަށް ޑޮމެސްޓިކް މުބާރާތެއްގެ ސެމީފައިނަލުން ޖާގަ ހޯދައިފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފުލަމްގެ ކޯޗް މާކޯ ސިލްވާ ވަނީ އޭނާގެ ކުޅުންތެރިންނަށް ތައުރީފްކޮށްފައެވެ.
ފުލަމްގެ އިތުރުން މިޑިލްސްބަތާ ވެސް ވަނީ މި މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފައެވެ.