އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ ގިނަ ކެމްޕޭންތަކެއްގައި ބައިވެރިވެވަޑައިގެންފައިވާ އަދި އެ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ ގޮނޑި އަށް ހޮވިވަޑައިގެންފައިވާ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ އެ ޕާޓީގެ ގިނަ އަންހެނުންތަކެއް ބޭނުން ވަނީ އެމްޑީޕީގެ ކެމްޕޭންތަކުގައި ބައިވެރިވާ އެމްޑީޕީގައި ހަރަކާތްތެރިވާ މީހަކު އެމްޑީޕީގެ ލީޑަޝިޕަށް އައުމަށް ކަމަށެވެ.

"އަޅުގަނޑު ގާތު ވަރަށް ގިނަ މެންބަރުން އެދެމުންދޭ ރައީސް ކަމަށް ކުރިމަތި ލުމަށް. އަޅުގަނޑަކީ މެންބަރުންނާ އެކު ހުރި މީހަކަށް ވާތީ މެންބަރުންގެ އެދުމަށް ފުރަގަސްދިނުމަށް އުނދަގުވާނެ. އަޅުގަނޑުގެ ޝައުގުވެރިކަން އެބަހުރި އެމްޑީޕީގެ ރައީސް ކަމަށް ކުރިމަލުމުގެ،" މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސްކަމުގެ މަގާމުން އަލްހާނު ފަހުމީ ވަކި ކުރުމާ ގުޅިގެން އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއުލާން ކުރުމަށް އިންތިހާބާ ބެހޭ ކޮމެޓީން އިއްޔެ ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އެ މަގާމުން މާރިޔާ އިސްތިއުފާ ދެއްވާފައި ވަނީ، އެމްޑީޕީ އަކީ ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށް ވިދާޅުވެ، ޒުވާނުންނަށް ފުރުސަތު ދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވުމަށް ފަހު އެވެ.