20 Dec 2023, 16:02
މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްކުރި ކުންފުނިތަކަށް ދައްކަން ޖެހިފައި އޮތް 22 މިލިއަން ރުފިޔާގެ ބިލުތަކަށް ސަރުކާރުން މިއަދު ފައިސާ ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ޙަވާލުވެލެއްވިއިރު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްކުރި ކުންފުނިތަކަށް ދައްކަންވެފައި ހުރި ފައިސާގެ ތެރެއިން 22 މިލިއަން ރުފިޔާ ނުދައްކައި ހުއްޓެވެ. މި ފައިސާއަކީ، މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރި 20 ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރައީސް މުއއްޒުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ހުރިހައި ކުންފުނިތަކުގެ ބިލުތަކަށް ފައިސާދީ ހުއްޓިފައިވާ މިސްކިތްތަކުގެ މަޝްރޫޢުތައް އަވަހަށް ނިންމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިޔަފާރިވެރިންގެ ތެރެއިން މިސްކިތް ބިނާކުރަން ޝައުގުވެރިވާ މީހުންނަށް ވެސް އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ހުޅުވާލައިފައެވެ. އެގޮތުން ރަށްރަށާއި، އަތޮޅުތަކުގެ އިތުރުން، ސިޓީތަކުގައި ވެސް މިސްކިތް ބިނާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އަމިއްލަ ޚަރަދުގައި މިސްކިތްތައް އިމާރާތްކުރާ މީހުންނަށް ޓެކްސްގެ ލުއިތައް ފަދަ ބައެއް ލުއިތައް ދައުލަތުން ދެއެވެ.