20 Dec 2023, 23:52
ޖަރުމަން ފޯވަޑް ތޯމަސް މުލާ، ބަޔާން މިއުނިކާއެކު ހަދައިފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ، މިދިޔަ ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި 2025ގެ ނިޔަލަށް ބަޔާންގައި މަޑުކުރުމަށް މުލާގެ ކޮންޓްރެކްޓް ވަނީ އާކޮށްފައެވެ. ކުރިން އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް އަންނަ ގޮތަށް އޮތީ މިސީޒަނުގެ ނިޔަލަށެވެ.
ބަޔާނުން ރަސްމީކޮށް އެކަން އިއުލާންކުރުމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ "އަހަރެމެންގެ 25 ނަމްބަރު 25 އަހަރަށް،" ކަމަށެވެ. އަދި މުލާގެ ކޮންޓްރެކްޓް އާކޮށްފައިވާ ކަމަށް ބަޔާނުން ބުނެފައިވެއެވެ.
މުލާގެ ކޮންޓްރެކްޓް އާކުރި ހަބަރާއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނީ ބަޔާންގެ އިނގިރޭސި ފޯވަޑް ހެރީ ކޭންއަަށެވެ. މި ސީޒަނުގައި ބަޔާންއާ ގުޅުނު ކޭން، މުލާއާއެކު ވަރުގަދަ އެކުވެރިކަމެއް އުފެދިފައިވާކަމަށް މީގެ ކުރިން ކޭންވަނީ ބުނެފައެވެ.
އުމުރުން 34 އަހަރުގެ މުލާގެ ކޮންޓްރެކްޓް އާކޮށްފައިވަނީ، އޭނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުކޮށްފައިވަނިކޮށެވެ. ޔުނައިޓެޑުން މަސައްކަތްކޮށްފައިވަނީ ޖެނުއަރީ ޓްރާންސްފާގައި އޭނާއަށް ބިޑުކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަރުމަން ބުންޑަސްލީގާގައި ބަޔާން މިވަގުތު އޮތީ ކުޅުނު 14 މެޗުން ލިބުނު 35 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.
އެއްވަނައިގައި އޮތް ލެވަކޫސަން އާއި ބަޔާނާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނަމަވެސް ލެވަކޫސަނުން ވަނީ ބަޔާނަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.