ބިދޭސީން ޖިނާއީ ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ޚާއްޞަ ޓާސްފޯސްއެއް އެކުލަވާލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ އެ ޓާސްކްފޯސްގެ މަސައްކަތުގެ ދަށުން 53 ބިދޭސީން ބެލުމުގެ ދަށަށް ގެނެސް، އޭގެ ތެރެއިން ބައެއް މީހުން ބޭރަށް ފުރުވާލާފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި އިހުސާން ވިދާޅުވީ މީހުން އެތެރެކުރުމަށް ޓަކައި ބައެއް ކުންފުނިތަކުން އެކްޓިވް ވޯކް ޕާމިޓް ނަގައި، މީހުން އެތެރެ ކުރުމަށް ފަހު ކުންފުނި ބަންދުކުރާކަން ފާހަގަވެފައިވާ ކަމަށެވެ.

"މީގެ ތެރޭގައި އެބަހުރި ބައެއް ކުންފުނިތައް 1،000އަށް ވުރެ ގިނަ އެކްޓިވް ވޯކް ޕާމިޓްތައް މިވަގުތު ވެސް ހުރި ކުންފުނިތައް. އެއްވެސް ޒިންމާދާރު ކަމެއް ނެތި މުޖުތަމައުގެ ތެރެއަށް މިފަދަ ގޮތަކަށް ބޭރު ގައުމެއްގެ ބަޔަކު އެތެރެކޮށް ދޫކޮށްލުން،" އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މިހާރު މި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން މިކަން ބަދަލުވެގެންދާއިރުގައި އަޅުގަނޑުމެން މިކަމާ ދޭތެރޭ ދެކޭނީ ގައުމީ ސަލާމަތީ ނަޒަރަކުން."

އެހެންވެ، މީހުން ގަވައިދާ ޚިލާފަށް ގެނައުމުގައި ޝާމިލްވާ މީހުންނާ ދޭތެރޭ ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރީންގެ ގޮތުގައި ބަންގްލަދޭޝްއިން މީހުން ގެންނަން މިދިޔަ އާދިއްތަ ދުވަހު ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެ ނިންމުން ދިފާއު ކުރައްވައި މީގެ ކުރިން ވާހަކަދައްކަވާފައިވާ އިހުސާން މިއަދު ވިދާޅުވީ، ބަންގްލަދޭޝްގެ އިތުރުން އިންޑިއާއާއި ނޭޕާލުން ވެސް ލެބަރާއިން ގެނައުމުގެ ހުއްދަ ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

"މާނައަކީ އިންޑިއާއިން އަދި ނޭޕާލުން އަންސްކްލިޑް ލޭބަރާސް މިއަދުން ފެށިގެން އެތެރެ ކުރެވޭ ގޮތް ހަދާފަ. ބާކީ ހުރި ގައުމުތައް ވެސް އަޅުގަނޑުމެން މިހަދާ އެސެސްމެންޓުތައް ހަދާ ނިމުނީމަ އަޅުގަނޑުމެން ހަމަ ނޯމަލްއަށް އޮޕަރޭޝަންތައް އާންމުކޮށް މިއޮންނަ ގޮތަށް ބަދަލުކޮށްލާނަން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީން ކުށް ކުރުން އިތުރުވެފައިވާއިރު، ބިދޭސީންނާ ގުޅިގެން ބަލާ މައްސަލަތަކުގެ ތެރޭގައި މާރާމާރީ އާއި މަރުގެ މައްސަލަތައް ވެސް ހިމެނެއެވެ.

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން އެންމެ ފަހުން އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެކްޓިވް ވޯކް ޕާމިޓް އެންމެ ގިނައިން ދޫކޮށްފައި ވަނީ ބަންގްލަދޭޝްއާއި އިންޑިއާއާއި ސްރީލަންކާގެ މީހުންނަށެވެ. އޭގެ ތެރޭގައި އެކްޓިވް ވޯކް ޕާމިޓް އޮތް ބަންގްލަދޭޝްގެ 139،220 މީހުންނާއި އިންޑިއާގެ 94،553 މީހުންނާއި ލަންކާގެ 30،817 މީހުން ހިމެނެއެވެ.

އިހުސާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ތިބީ މަސައްކަތްތެރިން ކަމަށްވާއިރު އޭގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަނީ 36 ޕަސެންޓު މީހުންނެވެ.