ހަގީގީ "ބާޒުންނަކީ" ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނު އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ތުހުމަތުކުރައްވައިފިއެވެ.

މި ވަގުތު ވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިއްޔެ ވަނީ ބަންދަށް އިތުރު ލުއިތަކެއް ހޯދަން ކަރެކްޝަންސްގައި އެދިވަޑައިގެންފައެވެ. އެކަމަކު، ކަރެކްޝަންސްއިން ވަނީ ޔާމީނަށް އިތުރު ލުއިތަކެއް ނުދެވޭނެ ކަމަށް އަންގައިފައެވެ.

އެ ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން، ޔާމީންގެ އިސް ގާނޫނީ ވަކީލުކަން ވެސް ކުރައްވައި ޖަމީލު މިއަދު ވިދާޅުވީ، އެ ނިންމެވުމުން ހާމަވެގެން ދިޔައީ އަސްލު 'ބާޒުން'ނަކީ ރައީސް މުއިއްޒާއި އަދުރޭކަން ކަމަށެވެ.

"ރައީސް ޔާމީންގެ އަމިއްލަ ޕާޓީ، އަދި ރައީސް ޔާމީންގެ މެނިފެސްޓޯ، ކެމްޕޭން ރިސޯސަސް ހުރިހާ އެއްޗެއް. އެ މަނިކުފާނުގެ ފަސް އަހަރު ކެމްޕޭންކޮށް ލިބުނު ވެރިކަމެއް. މިއީ [ރައީސް] ޑރ. މުއިއްޒަކީ ބަހާއި އަމަލު ދިމައިނުވާ ބޭފުޅެއްކަން ސާބިތުކޮށްދިން ކަމެއް،" ޖަމީލު ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑޜ. މުހައްމަދު ޖަމީލު އަހުމަދު: އެ މަނިކުފާނު ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި ޖަމީލު ވިދާޅުވީ އެ ކަމަށް ރައީސް މުއިއްޒު ވެސް ވަކާލާތު ކުރެއްވި ކަމަށާއި އިއްޔެގެ ނިންމެވުމުން ހާމަވެގެން ދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ރައީސް މުއިއްޒާ ދެ ބޭފުޅުންގެ ތަފާތެއް ނެތްކަން ކަމަށެވެ.

އެ މަނިކުފާނު ގަބޫލުކުރައްވައި ގޮތުގައި އޭރު އޮތް އެމްޑީޕީގެ ވެރިކަމަށް ވުރެ ރައީސް މުއިއްޒުގެ ވެރިކަން ގޯހެވެ.

ޖަމީލު ވިދާޅުވީ، ކެމްޕޭން ތެރޭގައި ޕީޕީއެމް/ޕީއެންސީންވީ ހުރިހާ ވައުދުތަކަށް ވުރެ ވެސް ސިޔާސީ ގޮތުން އެންމެ ބުރަދަން ބޮޑީ ޔާމީން މިނިވަންކުރުމުގެ ވައުދަށް ކަމަށެވެ. އެހެންވެ، ހަގީގީ 'ބާޒުން'ނަކީ ރައީސާއި އަދުރޭ ކަމަށް ގަބޫލުކުރައްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ވައުދު ފުއްދަން ނޫޅުއްވުމުން [ރައީސް] ޑރ. މުއިއްޒު ރޭވުމަކުން ރައީސް ޔާމީނަށްކެހިދިނީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަބްދުއްރަހީމް އަދި [ރައީސް] މުއިއްޒު މިއީ ހަގީގީ ބާޒުންކަން މި އެނގުނީ،" ޖަމީލު ވިދާޅުވިއެވެ.

ނިމުނު ސަރުކާރުގައި އެންމެ ފުރަތަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދައުވާތަކާ ގުޅިގެން ހުކުމްކުރުމުގެ ކުރީގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ޕާޓީ ޖަހައިގަންނަން ދުރުން ތިރިކުރާ 'މިނިކާ ބާޒުންނަށް' ސަމާލުވާން އެދިވަޑައިގެންފައެވެ. އެ މަނިކުފާނު އޭރު ވިދާޅުވީ، ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފި ނަމަ ޕާޓީ ޖަހައިގަންނަން ވަރަށް ގިނަ ބޭބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އަދި އަބްދުއްރަހީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ފަހަރު އިއްވި ޖަލު ހުކުމް ޔާމީން ސަލާމަތްވީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ. އެކަމަކު، ފަހުން ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ގައި ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތުމާ އެކު، ރިޔާސީ އިންތިޚާބު ނިމުމުން ކުރީ ސަރުކާރުން ވަނީ ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ، ގޭބަންދަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ސިއްހީ ކަންކަމާއި ކަސްރަތަށް ބޭރަށް ދިއުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

އޭގެ ފަހުން، ޔާމީން ތިން ފަހަރެއްގެ މަތިން ޕާޓީ އޮފީހަށް ވަޑައިގެން ސިޔާސީ ކަންކަމުގައި އުޅުއްވާތީ ކަރެކްޝަންސްއިން އިންޒާރު ވެސް ދިނެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެދުނީ ސިޔާސީ ކަންކަމުގައި އުޅުއްވޭ ގޮތަށް ބަންދަށް އިތުރު ލުއިތަކެއް ދެއްވުމަށެވެ. އެކަމަކު، ކަރެކްޝަންސްއިން ނިންމީ ލުއިދެވެން ނެތް ކަމަށެވެ.

ޕީއެންސީގެ ސަރުކާރު އުފެދުނުތާ ހަފުތާއެއް ނުވަނީސް ދެ ރައީސުންގެ ގުޅުން ގޯސްވެ، ޔާމީން ވަނީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައިފައެވެ.

އޭގެ ފަހުން އެ މަނިކުފާނު ވަނީ ޕީޕީއެމް ހިންގަން ކޮމިޓީއެއް އެކުލަވައިލައިފައެވެ. އެކަމަކު، ސަރުކާރު ފެކްޝަނުން އެ ކޮމިޓީގައި އިސްކޮށް ހުންނެވި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ފިޔަވަޅު އެޅުމުން ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އެއަށް ފަހު، އެ މަނިކުފާނު ގެންދަވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓު [ޕީއެންއެފް]ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.