20 Dec 2023, 14:04
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާމާއި ރައީސް މުއިއްޒާ ދެ ބޭފުޅުން ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެކަމަކު، ބައްދަލުކުރެއްވުމާ ގުޅޭ އެއްވެސް ތަފުސީލެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ސިޔާމާ އެކު ރައީސް ބައްދަލުކުރެއްވީއިރު، އެ މަނިކުފާނު މިއަދު ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމާ ގުޅޭ ތަފުސީލެއް ވެސް ރައީސް އޮފީހުން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ސިޔާމަށް ފަހު ދެން ރައީސް ބައްދަލުކުރެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއެވެ. އޭނާ ވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަނީ ރައީސާ އެކު ކޯލިޝަން ހަދައިފައެވެ. ފުރަތަމަ ބުރުގައި ނާޒިމް ވާދަކުރެއްވި ނަމަވެސް ލިބިވަޑައިގަތީ އެންމެ 1907 ވޯޓެވެ.
ނިމުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ސިޔާމާއި އެމްޑީއޭއިން ތާއީދުކުރީ ރައީސް މުއިއްޒަށެވެ.
އެމްޑީއޭއިން ވަނީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީއާ އެކު ކޯލީޝަނެއް ހަދައިފައެވެ. އެ ހަތަރު ޕާޓީން ވަނީ އަންނަ އަހަރު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުގައި އެއްކޮށް ވާދަކުރަން ވެސް ނިންމައިފައެވެ.
އެހެންވެ، އެ ކޯލިޝަނުން މަޖިލީހަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.