24 May 2012, 14:55
ޝީޝާގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ހުޅުވާފައިވާ އެކައުންޓަކުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި ކޯޓަށް ހާޒިރު ކުރަން އެދުނު ދެ ހަބީރުން ނުވަތަ އެކްސްޕާޓުން ހާޒިރުކުރެވޭނީ އެމީހުން މައުލޫމާތު އިންޑިޔާ ބޭންކަށް އެންގުމަށް ފަހު ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.
ޝީޝާގެ ތިން ބެއިން އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވަނީ އެ ބޭންކުގެ އިހުމާލުން ކަމަށްބުނެ ތިން ބެއިން އެސްބީއައިގެ މައްޗަށް ކުރާ ދައުވާގައި އެންމެފަހުން އެދުނީ ދެ ހަބީރަކާއި އެސްބީއައިގެ ދެ މުވައްޒަފު ހެކީންގެ ގޮތު ހާޒިރުކޮށްދޭށެވެ. އަދި ދެ ހަބީރުން ކޯޓަށް ހާޒިރު ކުރުމުގެ ކުރީން އެމީހުންގެ މައުލޫމާތު އެސްބީއައިއަށް ސިއްރުކޮށް ދިނުމަށެވެ.
ނަމަވެސް ގާޒީ ހާތިފް ހިލްމީ ވިދާޅުވީ މައްސަލަ ހުށަޅާފައިވާ ޝީޝާގެ ތިން ބެއިން ކޯޓަށް ހާޒިކުރަން އެދޭ ހަބީރުންގެ މައުލޫމާތު މައްސަލަ ރައްދުވާ ފަރާތަށް ކުރިން އެނގެން ޖެހޭނެ ކަމަށެވެ.
ކޯޓަށް ހާޒިރު ކުރުމުގެ ކުރީން އެމީހުން މައުލޫމާތު އެސްބީއައިއަށް ސިއްރު ކުރަން ބޭނުންވަނީ ހަބީރުން ހާޒިރު ކުރުމުގެ ކުރީން އެމީހުން މައްޗަށް އެސްބީއައި ނުފޫޒު ފޯރުވަފާނެ ކަމަށް ޝީޝާގެ ތިން ބެއިންގެ ވަކީލު ނާސިރު ވިދާޅުވި ނަމަވެސް އެމީހުން މައްޗަށް އެސްބިއައި އިން ނުފޫޒު ފޯރުވާފާނެ ކަމަށް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި ޝީޝާގެ ތިން ބެއިންގެ ފަރާތުން އެދިފައިވާ އެސްބީއައިގެ ދެ މުވައްޒަފުންގެ ނަން ވަނީ ހުށަހަޅާފަ އެވެ. ޝަރީއަތުގެ މަޖިލިސް މިއަދަށް ރޫލައިލީ އިތުރު އަޑު އެހުމެއް އަންނަ ހަފްތާގައި ބާއްވަން އިއުލާންކޮށްފަ އެވެ.
ޝީޝާގެ ތިން ބެއިން އެސްބީއައިގެ މައްޗަށް ދައުވާކުރަނީ އެ ތިން ބެއިން އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓަކުން ބަޔަކު ވަގު ލިޔުންތަކެއް ހުށަހަޅައި 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިގެނެވެ.