ކަރަބާއޯ ކަޕްގެ ސެމީފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުން ޗެލްސީ ޖާގަހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލްގައި ނިއުކާސްލް ޔުނައިޓެޑާއި ބައްދަލުކުރި މެޗް ފުރަތަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ދެ ލަނޑުން ކުރި ހޯދައިގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މި މެޗްގެ ފެށުން ރަނގަޅުވީ ނިއުކާސްލްގެއެވެ. މި ގޮތުން މެޗްގެ 16 ވަނަ މިނެޓްގައި ނިއުކާސްލްއިން ވަނީ ކެލުމް ވިލްސަން ޖަހާދިން ލަނޑުން މެޗްގެ ލީޑު ނަގާފައެވެ.

މިއާއެކު ޗެލްސީއިން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް އެ ހަމަލާތައް ލަނޑަކަށް ބަދަލު ކުރުމުގައި ދިޔައީ ދަތިތަކާ ކުރިމަތިވަމުންނެވެ. އަދި މިކަން މިހެން ވުމުގައި ނިއުކާސަލްއިން ވަރަށް ރަނގަޅަށް ޑިފެންޑް ކޮށްފައިވުން ވެސް ފާހަގަ ކޮށްލެވުނެވެ.

މި މެޗްގައި ޗެލްސީއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރެވިފައިވަނީ މެޗްގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި ނިއުކާސްލްގެ ކެޕްޓަން ކިއެރަން ޓްރިޕިއާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މީހައިލޯ މުޑްރިކް ޖަހާދިން ލަނޑުންނެވެ.

މި ލަނޑާއެކު ދެ ޓީމް އެއްވަރު ވެގެން ނިމުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިމުބާރާތުގެ ސެމީފައިނަލުން ފުލަމް އާއި މިޑިލްސްބްރާ ޖާގަހޯދާފައިވާއިރު ސެމީފައިނަލްގެ ފަހު ޖާގަ އެނގިގެންދާނީ މިރޭ ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރާ މެޗަށްފަހުއެވެ.