20 Dec 2023, 15:11
ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެެވެ.
މި މުބާރާތުގެ ފައިނަލުން ސިޓީ ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގައި އޭޝިއާގެ ޗެމްޕިއަން ކަމަށްވާ ޖަޕާންގެ އުރާވާ ރެޑް ޑައިމަންޑްސް އާއި ބައްދަލުކުރި މެޗް ތިން ލަނޑު ސުން ލަނޑުން ކާމިޔަބު ކޮށްގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ސިޓީއިން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް އުރާވާ ރެޑްއިން ވަނީ ވަރަށް ރަނގަޅަށް މި ހާފްގައި ޑިފެންޑް ކޮށްފައެވެ. އަދި ސިޓީއިން އުފެއްދި ހުރިހާ ހަމަލާއެއް ވަނީ އުރާވާ ރެޑްގެ ޑިފެންސް ލައިނުން ބޭކާރު ކޮށްލާފައެވެ.
މި މެޗްގައި ސިޓީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ. ނަމަވެސް މި ލަނޑަކީ އުރާވާ ރެޑްގެ ޑިފެންޑާ މާރިއަސް ހޮއިބްރާޓަން އަތުން ބައިކޮޅަށް ވަން ލަނދެކެވެ.
މި މެޗްގެ ދެވަނަ ހާފްގައި އުރާވާ ރެޑްއިން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހިގެން ކުޅުމުގެ ނަތީޖާ އަކަށްވެގެންދިޔައީ ސިޓީއިން އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކުރުމެވެ. މި ލަނޑު އެ ޓީމަށް މެޗްގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ މެޓިއޯ ކޮވަސިޗްއެވެ. އަދި އޭގެ ހަތް މިނެޓް ފަހުން ބެނާޑޯ ސިލްވާ ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހާދީފައެވެ.
މި މެޗްގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ސިޓީއަށް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މި މެޗްގައި ސިޓީގެ އިތުބާރު ފޯވަޑް އާލިން ހާލަންޑް އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި މި މުބާރާތުގެ ފައިނަލްގައި ވާދަކުރުމުގެ ފުރުސަތަކީ ސިޓީގެ ކުޅުންތެރިންނަށް އުމުރުގައި އެއް ފަހަރު ލިބޭކަހަލަ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުންއެންމެ ރަނގަޅު ގޮތުގައި ހިފުމަށް މުޅި ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިހާ ހިސާބަށް މިއާދެވުނީ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
މި މުބާރާތުގެ ފައިނަލްގައި ސިޓީ ބައްދަލުކުރާނީ ފުރަތަމަ ސެމީފައިނަލް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދާފައިވާ ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ ފުލުމިނެންސޭ އާއެވެ. މި މުބާރާތުގެ ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ހުކުރު ދުވަހުއެވެ.