20 Dec 2023, 12:47
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ ރައީސާއި ގާސިމް ބައްދަލުކުރެއްވިކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެކަމަކު، ބައްދަލުކުރެއްވުމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ދެ ބޭފުޅުން ރައީސް އޮފީހުގައި ބައްދަލުކުރެއްވީއިރު، މީގެ ކުރިން ގާސިމްގެ ޖޭޕީގެ އިސްވެރިންތަކެއް ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ އެކުގައި ވެސް މަޝްވަރާކުރައްވައިފައެވެ. އޭރު މަޝްވަރާކޮށްފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ދެ ޕާޓީން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުންނެވެ.
އެކަމަކު، ފަހުން ދެ ޕާޓީގެ އިތުރު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެއް ނުވެއެވެ.
އޭގެ ކުރިން، ޖޭޕީގެ ކައުންސިލްގައި ގާސިމް ވަނީ އެ ޕާޓީއާއި ޕީއެންސީއާ އެއްކޮށްލަން ޕީއެންސީން އެދިފައިވާކަން ހާމަކޮށްފައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ގާސިމަށް އެ ހުށަހެޅުން ހުށަހެޅުއްވި ނަމަވެސް އެ މަނިކުފާނު ވަނީ ދެ ޕާޓީ އެއްކޮށްލަން ދެކޮޅު ހައްދަވައިފައެވެ.
ނިމުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމް ވާދަކުރެއްވިއެވެ. އެކަމަކު، ދެވަނަ ބުރުގައި ޖޭޕީން ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާށެވެ.
ކުރީ ސަރުކާރު ނިމެންދެން ވެސް ޖޭޕީ އޮތީ އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައެވެ. އެކަމަކު، ފަހު ވަގުތު ކޯލިޝަނުން ވަކިވެ، ޖޭޕީގެ ކައުންސިލުން ނިންމީ އެ ޕާޓީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރާށެވެ. ނިމުނު ރިޔާސީ އިންތިޚާބުގައި ގާސިމަށް ލިބިވަޑައިގަތީ 5,460 ވޯޓެވެ.