20 Dec 2023, 13:26
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށް މާލެ ސަރަހައްދުން އިއްޔެއާ ހަމައަށް ޖުމުލަ 108 ފޯމް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފުރަތުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވާ އިރު، އަތޮޅު ތެރެއިން ބަލައިގެންފައިވާ ފޯމުތަކުގެ ޖުމްލަ އަދަދު އެނގޭނީ ކައުންސިލުތަކުން ފޯމުތައް ފޮނުވުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިގޮތުން، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ އަންނަ ހޯމަ ދުވަސް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިިނިސްޓްރީން ބުނީ، މިއީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ރިވިއު ކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.
އެހެންކަމުން، މި ފުރުސަތުގައި ފޯމު ހުށަހަޅަން ޖެހޭނީ 2021 އާއި 2022 ވަނަ އަހަރު ދަފުތަރުގައި ރަޖިސްޓްރީކޮށް މިއަދާ ހަމައަށް ދަފުތަރުގައި ތިބި މީހުންގެ އިތުރުން، މި އަހަރު ރަޖިސްޓްރީވެ ޙާލަތު ބަދަލުވެފައިވާ މީހުން ކަމުގައި އެ މިނިސްޓަރީން ބުންޏެވެ.
ފަގީރުންނާއި މިސްކީނުންގެ ދަފުރަތުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދައުރުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވާނީ ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓުން ގުރުއަތު ނަގައިގެންނެވެ.
ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް ޑރ. މުއިއްޒު ވަނީ ހައްޖު ކޯޓާ 2،000އަށް އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖު ކޯޓާއަށް، މީހުން ޙައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަންއާ ހަވާލުކުރާ ގޮތަށް ވެސް ރައީސް ވަނީ ހަމަޖައްސަވާފައެވެ.
މި ނިންމެވުމާ ގުޅިގެން، ބޮޑެތި ބަލި މީހުންނަށް ޚާއްޞަކޮށްފައިވާ ހައްޖު ޖާގައަށް އެދުމުގެ ފުރުސަތު ވެސް މިދިޔަ ހޯމަ ދުވަހު ވަނީ އަލުން ހުޅުވާލައިފައެވެ.