20 Dec 2023, 11:18
ރާއްޖެ ދަރާފައި މިއޮތީ ވަރަށް ހެއްވާ ގޮތަކަށެވެ. ރައްޔިތުންނަށް ކަމެއް ކޮށްދޭން ޖެހިއްޖެނަމަ، ސިޔާސީ ބޭފުޅުންގެ ފަރާތުން މުޅިންވެސް އިވެނީ ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓޭ ވާހަކައެވެ. ނަމަވެސް އެ ސިޔާސީ ބޭފުޅުންގެ ބޭނުމަށް ބޮޑެތި ހަފުލާތައް ބޭއްވުމަށާއި، މުޅި ދުނިޔޭގައި ދަތުރު ކުރުމުގެ އިތުރުން ގާތް މީހުންނަށް ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތައް ބަހާލަން ވީމާ އެއްކަލަ އިގްތިސާދީ ދަތިކަމުގެ ވާހަކައެއް ނުދައްކައެވެ. މިއީ ކިހާ ހެއްވާ ކަމެއްތޯއެވެ.
އިދިކޮޅުގައި އޮތް އެމްޑީޕީއިން މިހާރު ކޮށްގެން މިއުޅޭ ކަމެއް ބަލާށެވެ. އެ ޕާޓީގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލިސް މެންބަރުންގެ މުސާރަތައް ހިމެނޭގޮތަށް ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަތައް އިންތިހާއަށް ބޮޑުކޮށްލީއެވެ. މި ނިންމުން އިއްޔެ މާލިއްޔަތު ކޮމިޓީން އެ ވަނީ ނިންމައިފައެވެ. ނަމަވެސް މި ނިންމުމަށް އަމަލު ކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، ފާސްކުރާ ހިސާބުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް
ކޮމެޓީން މުސާރަތައް ބޮޑުކުރަން ނިންމި ގޮތް:
މިހާރު 100،000ރ. ގެ މަހު މުސާރައެއް ލިބޭ ރައީސްގެ މުސާރަ 120،000ރ. އަށް ބޮޑު ކުރުން.
- މިހާރު 74،000ރ. ގެ މަހު މުސާރައެއް ލިބޭ ނައިބު ރައީސްގެ މުސާރަ 90،000ރ. އަށް ބޮޑު ކުރުން.
- މިހާރު 66،000ރ. ގެ މަހު މުސާރައެއް ލިބޭ މިނިސްޓަރުންގެ މުސާރަ 74،000ރ. އަށް ބޮޑު ކުރުން.
- ގަވަރުނަރާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި އޮޑިޓާ ޖެނެރަލްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކޮމެޓީ އެލަވަންސްއާއެކު އެއް ލައްކަ ރުފިޔާއަށް ބޮޑުކުރުން. މިހާރު ކޮމެޓީ އެލަވަންސާއެކު ލިބެނީ 82،500ރ.
- މިހާރު މަހު މުސާރައިގެ ގޮތުގައި 73،125ރ. ލިބޭ މަޖިލިސް ރައީސްގެ މުސާރަ 90،000ރ. އަށް ބޮޑުކުރުން.
- މަޖިލީހުގެ ނައިބު ރައީސްގެ މުސާރަ 71،000ރ. އިން 88،000ރ. އަށް ބޮޑު ކުރުން.
މީގެ އިތުރުން މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީތަކުގެ ކައުންސިލަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވެސް ވަނީ ފާސްކޮށްފައެވެ. އަދި އުއްތަމަފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުސާރަތައް ހިމެނޭގޮތަށް ޝަރުއީ ދާއިރާގެ މުސާރަތައް ވެސް ބޮޑުކުރަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
މުސާރަތައް ބޮޑު ކުރާއިރު އިގްތިސާދު ފަހު ނޭވާގައި
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަ ފުޅަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަމަލު ކުރި ގޮތުން ރާއްޖެ ދަރާފައި އޮތް އޮތުމެވެ. އިގްތިސާދީ ގޮތުން ނޭވާ ހޮޅިއަށް އެޅިފައި އޮތް އޮތުމުގެ ވާހަކައެވެ. ސިޔާސީ ގޮތުން އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދު އޮތީ ހަގީގާތުގައި ވެސް ފަހު ނޭވާގައެވެ.
ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ މި ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ލިބޭ އާމްދަނީއަށް ވުރެން ކުރާ ހަރަދު އެތައް ގުނައެއް އިތުރެވެ. އެންމެ ބޮޑު ހޭދައެއް ކުރަނީ ދައުލަތުން ދޭ މުސާރަތަކަށެވެ. ނަތީޖާއަކީ އަހަރަކަށް ވުރެން އަހަރެއް ދަރަނިވެރިވުމެވެ. ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި މި އަހަރު 113 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާރު ދައުލަތުގެ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގައެވެ. އެއީ 59 ބިލިއަން ރުފިޔާގެ އެތެރޭގެ ދަރަންޏާއި 49 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަންޏެވެ. ގައުމަށް އޮތް އަނެއްބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. އިގްތިސާދަށް ލޮޅުން އަރާ ސަކަރާތްތައް ޖަހާއިރު އެ ބޮޑު، ބިރުވެރިކަން އަދި އޮތީއެވެ.
ބަޖެޓް ޑެފެސިޓް ވަނީ ލިބޭ އާމްދަނީއާއި ސަރުކާރުން ކުރާ ހަރަދުގެ ތަފާތު ހުރުމުންނެވެ. އެ ފަރަގު ފޫބެއްދުމަށް ގައުމުން ވަނީ ބޮޑު ދަރަނި ނަގަން ޖެހިފައެވެ. ލޯނުތަކުން ވަގުތީ ލުޔެއް ލިބުނު ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫނެވެ. އަދި މުސްތަގުބަލަށް ބަލާއިރު ބޮޑު ނުރައްކަލެކެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވިތާ ތިން ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވެސް ވިދާޅުވީ ބޭރު ފައިސާ ނުލިބިއްޖެ ނަމަ އިޤުތިޞާދަށް ލޮޅުމެއް އަރާފާނެ ކަމަށެވެ.

އިދާރީ ބޭންކް އެމްއެމްއޭ އަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސަރުކާރަށް ޖެއްސުން ކުރުންތަ؟
މިހާލަތުގައި އޮތް ގައުމެއްގައި ވެރިންގެ މުސާރަތައް އިންތިހާއަށް ބޮޑު ކުރުމަކީ ހަމަގައިވެސް ނުއުފުލޭނެ ވަރުގެ ބޮޑު ބުރައެކެވެ. އަދި ބޮޑު ކުރި މުސާރައެއް ކުޑަކުރުމަކީ ސިޔާސީ ޕްރެޝަރުގެ ސަބަބުން ކުރެވޭނެ ކަމެއް ވެސް ނޫނެވެ. މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
މާލީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅަކު މިހާލަތުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި މިއީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ސަރުކާރަށް ޖެއްސުން ކުރުމަށާއި ރައްޔިތުންގެ މެދުގައި ސަރުކާރާމެދު އޮތް ތަސައްވަރު ކިލަނބު ކޮށްލުމަށް ކުރާ ކަމެކެވެ.
"މިހާރު ރައްޔިތުންނަށް ހީވާނީ ވެރިކަމާ ހަވާލުވުމާއެކު ސަރުކާރުން މުސާރަތައް ބޮޑު ކުރަނީއޭ ދެއްތޯ. އެކަމަކު އިދިކޮޅުންތާ މިކަން މިކުރަނީ. އަޅުގަނޑަށް މިކަން ނެގެނީ ޖެއްސުމަށް ކުރާ ކަމަކަށް. ސަބަބަކީ މިއީ ވަރަށް ބޮޑު މާލީ ބުރައެއް ސަރުކާރަށް އުފުލަން ޖެހޭނެ ކަމެއް. މި ދަނޑިވަޅުގައި އެއްގޮތަކަށް ވެސް ކުރާ ވަރު ކަމެއް ނޫން،" ދައުލަތުގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ އެ ބޭފުޅާ ވިދާޅުވިއެވެ.
އޭނާ ގަބޫލުކުރައްވާގޮތުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިހާރު ލިބޭ މުސާރައާއި އިނާޔަތްތަކަކީ ވަރަށް އެކަށީގެންވާ ކަންކަމެވެ. އަދި އެއީ ދުނިޔޭގެ ނިސްބަތުން ވެސް ރަނގަޅު މުސާރަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް މީހެއްގެ މުސާރައަކީ ހިތް ފުރޭނެ އެއްޗެއް ނޫން. ކިތަންމެ ބޮޑު ކުރިޔަސް އަދިވެސް އިތުރަށް ބޭނުންވާނެ. މިހާރު ލިބޭ މުސާރަ ހަމަ ރަނގަޅު ކަމަށް ދެކެން. ބޮޑު ކުރާކަށް ނުޖެހޭ،" އޭނާ ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވާ އެ ބޭފުޅާގެ ނަޒަރުގައި ސަރުކާރުން ފާޅުގައި މަޖިލީހުގެ މި ނިންމުމާ ދެކޮޅަށް ވާހަކަ ދައްކައި ހަގީގަތް ހާމަކޮށްދޭން ޖެހެއެވެ. ސިޔާސީ ގޮތުން ސަރުކާރާ ޖެއްސުމަށް ކުރާ މިފަދަ ކަންކަމުގައި ސަރުކާރުގެ ސްޓޭންޑް ސާފުކޮށް ހާމަ ކުރަން ޖެހެއެވެ. އެއީ ބައެއް އާއްމުންނަށް މިހާރު ވެސް ހީވެފައިވަނީ މިއީ ސަރުކާރުން އިސްވެ ކުރާ ކަމެއްކަމަށް ވާތީއެވެ.
ނިމިދިޔަ ސަރުކާރުން ފެށި ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ދަށުން، މުސާރަތައް ބޮޑުކުރުމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ވަނީ 500 މިލިއަން ރުފިޔާ ހިމަނާފައެވެ. ޖުމްލަ 49.8 ބިލިއަން ރުފިޔާގެ އެ ބަޖެޓު، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ މިމަހުގެ 13ގައި ފާސްކޮށްފައެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން ވިދާޅުވީ, މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެން ދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް-ޕީއެންސީ ވިޔަސް، ބޮޑެތި ޕާޓީތަކުން އަމަލު ކުރަމުން ދަނީ ހަމަ އެއްގޮތަކަށް ކަމަށެވެ.
އަދި ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީ ކަމަށް ފާރިސް ތުހުމަތުކުރެއްވިއެވެ. އަދި ރާއްޖޭގެ އާބާދީގެ ނިސްބަތުން, މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރަން ޖެހޭ ކަމަށް ފާރިސް ވެސް ވިދާޅުވިއެވެ.
"މި ނިޒާމު ބަދަލުކުރުމަށް އާ ވިސްނުމެއްގެ މީހުން ހޮވަން ޖެހޭ!،" ފާރިސްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
"މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ! މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަން ޖެހޭ،"
މުސާރަ ބޮޑުކުރީ ނަފްރަތު އުފައްދަން: ސަރުކާރު
ސަރުކާރުގެ އިސް ތަރުޖަމާން މުޙައްމަދު ޝަހީބް ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެން ނޫނެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށް ޝަހީބް ވިދާޅުވިއެވެ.
"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން." ޝަހީބް ވިދާޅުވިއެވެ.
ސަރުކާރުން މިކަމާ ދެކޮޅު ހެދުމަކީ ރަނގަޅެކެވެ. ނަމަވެސް ހަރަދު ކުޑަކުރުމުގެ ކަންކަމުގައި ސަރުކާރުގެ ބަހާއި އަމަލާ ވެސް ސީދާވާ މަންޒަރެއް ނުފެނެއެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީ ސިޔާސީ މަގާމުތަކަށް ބަލާލުމުންނެވެ. ފުރަތަމަ ދުވަހު ސަރުކާރުން ވަނީ ރިކޯޑެއް ހަދައިފައެވެ. އެއީ، ތާރީޚުގައި ވެސް އެންމެ ގިނަ ވަޒީރުން ހިމެނޭ ސަރުކާރުގެ ލަގަބެވެ.
އާ ސަރުކާރުގައި 22 ވުޒާރާއެއް ހިމެނެއެވެ. އެ 22 ވަޒީރުންގެ އިތުރަށް ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޒީރު ފެންވަރުގައި 21 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. ނައިބު ވަޒީރުން ގޮތުގައި މިހާރު ވެސް 100 އެއްހައި މީހުން އައްޔަންކޮށްފިއެވެ. ކުރީގެ ސަރުކާރުތަކާ އަޅައިކިޔާ ނަމަ، މިއީ ދިވެހި ތާރީޚުގައި އެންމެ މަތިބަރު ސަރުކާރެވެ.
ސްޓޭޓު މިނިސްޓަރު ފެންވަރުގައި ސަރުކާރަށް އައްޔަންކުރައްވާފައި ހުންނެވި ތަރުޖަމާނު ޝަހީބު ވިދާޅުވީ ސަރުކާރުން ބުނި 700 ސިޔާސީ މަގާމުގެ ތިންބައިކުޅަ އެއްބައި ވެސް އަދި ހަމަނުވާ ކަމަށެވެ. އެހެންވީމާ، އަދި ކުރިއަށް އޮތީއެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެ ތަރައްގީގައި މި އުޅެނީ ވަރަށް ވެސް ފަހަތުގައެވެ. ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް އެންމެ އަސާސީ ހިދުމަތްތައް ރަނގަޅަށް ނުލިބެއެވެ. އޭގެ ތެރޭގައި އެކަށީގެންވާ ބޯހިޔާވަހިކަން ނެތުމާއި އެކަށީގެންވާ އާމްދަނީއެއް ނުލިބުންފަދަ އެތައް މައްސަލައެއް ރާއްޖޭގައި އެބައޮތެވެ. އެންމެ ހަތަރު ލައްކައެއްހާ ކުޑަ އާބާދީއެއް އޮތް މި ގައުމުގެ ތަރައްގީގެ ދުވެލި ހަލުވި ކުރަން މި ވަނީ ޖެހިފައެވެ. ގިނަ ރައްޔިތުން ދިރިއުޅެނީއެއް ނޫނެވެ. ގަނަތެޅެނީއެވެ. މި ހާލަތުގައި އޮތް ގައުމެއްގައި އަދިވެސް މުސާރަ ބޮޑު ކުރަންވީ ވެރިންގެތޯއެވެ؟
ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށް ސިޔާސީ ކަންކަން ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ސަރުކާރު ހިންގިޔަ ނުދިނުމަށް ޖެއްސުން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް އިގްތިސާދަށް ލޮޅުން އަރާފަދަ ނިންމުންތައް ނިންމައިގެން ނުވާނެއެވެ. އެމްޑީޕީގެ ފަރާތުން މި ފެނުނީ އެފަދަ ކަމެއް ކުރާ ކަމެވެ. ގައުމަށް ހެޔޮ އެދޭނަމަ ތިމާމެންގެ މުސާރަތައް ބޮޑުކުރުމުގެ ނިޔަތުގައި މިފަދަ ކަންކަން ކުރާކަށް ނުވާނެއެވެ. އިގްތިސާދީ ހާލަތު ވަރަށް ގޯހެވެ.