މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރުގެ ތެރެއިން ސަބްސިޑީ ހޯދުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ސަބްސިޑީ ފައިސާ ދޫނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރުގެ ތެރެއިން ސަބްސިޑީސް ދިނުމަށް ހަމަޖެހިފައި ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރުގެ ތެރެއިން ސަބްސިޑީ ހޯދުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނެފައި ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ސަބްސިޑީ ދޫކުރުމުގެ ކުރިން ރަޖިސްޓްރީއެއް ތައްޔާރު ކުރަމުން އަންނަ ކަމަށާއި މަސްވެރި އުޅަނދުފަހަރުން ސަބްސިޑީއަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

"...މަސްވެރިކަމުގެ ސަބްސިޑީ ދޫކުރުމުގެ ކަންތައްތައް ކުރުމުގެ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރި ވަމުންދާ އުޅަނދު ފަހަރުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް މި މިނިސްޓްރީން ފަށައިގެން ކުރިއަށް އެބަގެންދަން. އެހެންކަމުން ސަބްސިޑީ ދިނުމަށް ހަމަޖެހިފައި ވަނީ މި މިނިސްޓްރީގައި ރަޖިސްޓްރީކޮށް ނުވަތަ މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އަދި މިހާރު ވެސް ހަރަކާތްތެރިވާ އުޅަނދު ފަހަރުގެ ތެރެއިން ސަބްސިޑީ ހޯދުމަށް އެދި ހުށައަޅާ ފަރާތްތަކަށް،" ބަޔާނުގައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނެފައި ވަނީ ސަބްސިޑީ ހޯދުމަށް ހުށައަޅާ ފޯމްތައް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށާއި ފޯމްތައް އެމިނިސްޓްރީގެ އިތުރުން އަތޮޅު ކައުންސިލްތަކަށް ވެސް ހުށައެޅޭނެ ކަމަށެވެ.