ރަތް ކަނޑުން ޢިސްރާއީލަށް ދަތުރުކުރަމުންދާ އާގު ބޯޓުތަކަށް ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީން ދޭ ޙަމަލާތަކުގެ ސަބަބުން ޢިސްރާއީލުގެ ދެކުނުގައި އޮންނަ އިލިއަޓް ބަނދަރުން އެއް މަސް ދުވަހުގެ ތެރޭގައި ލިބުނު ޢާމްދަނީ 80 އިންސައްތަ ދަށްވެފައިވާ ކަމަށް ކެލްކަލިސްޓް އިކޮނޮމިކް މެގަޒިންއިން ރިޕޯޓްކޮށްފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޙޫޘީންގެ ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑާއި ސުއޭޒް ކެނަލްގައި ދަތުރުކުރުން ހުއްޓަލައިފައެވެ. ރަތް ކަނޑާއި ސުއޭޒް ކެނަލްގެ ބަދަލުގައި އެފްރިކާގެ ވަށައިގެން އޮންނަ ދުރު މަގަކުން ދަތުރުތައް ކުރުމަށް ވެސް ކުންފުނިތަކުން އަންނަނީ ބޯޓުތަކަށް އަންގަމުންނެވެ. ޢިސްރާއީލަށް ދަތުރުކުރާ ގިނަ ބޯޓުތައް ދުރު މަގެއް ޚިޔާރުކުރަން ޖެހުމުން ދަތުރުފަތުރުގެ އަގާއި އެހެނިހެން ޚަރަދުތައް ވެސް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ޗައިނާގެ ޝިޕިން ކުންފުނި އޯއޯސީއެލްއިން ވަނީ އެ ކުންފުނީގެ ބޯޓުތައް ރަތް ކަނޑުން ދަތުރުކުރުން ހުއްޓައިލާނެ ކަމަށް އިއްޔެ ޢިއުލާނުކޮށްފައެވެ.

ރަތް ކަނޑުން ދަތުރުކުރާ ހުރިހާ އާގުބޯޓުތަކެއް ދަތުރުކުރުން މަޑުޖައްސައިލުމަށް ޑެންމާކުގެ ޝިޕިން ކުންފުނި އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޝިޕިން ކުންފުނި އޭޕީ މޮލާ މާސްކުން ވެސް ވަނީ އަންގާފައެވެ. ރަތް ކަނޑުގެ ބަދަލުގައި އެފްރިކާ ވަށައިގެން އޮންނަ ދުރު މަގުން ދަތުރުތައް ކުރުމަށް ބޯޓުތަކަށް އަންގާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މާސްކުން އެ ގޮތަށް އަންގާފައި ވަނީ ރަތް ކަނޑުން ދަތުކުރި އެ ކުންފުނީގެ ބޯޓެއްކަމުގައިވާ ޖެބްރޯލްޓާއާއި އިތުރު އާގު ބޯޓަކަށް ޙަމަލާތަކެއް އަމާޒުވުމުންނެވެ.

ފަރަންސޭސިވިލާތުގެ ކުންފުނި ސީއެމްއޭ ސީޖީއެމްއިން ވެސް ވަނީ ރަތް ކަނޑުގައި އެ ކުންފުނީގެ ބޯޓުތައް ދަތުރުކުރުން މަނާކޮށްފައި އޮތް ކަމަށް ބުނެފައެވެ. ސީއެމްއޭ ސީޖީއެމް އަކީ މުޅި ދުނިޔެއިން ތިންވަނައަށް އެންމެ ބޮޑު ޝިޕިން ކުންފުންޏެވެ. ޖަރުމަނުވިލާތުގެ ޝިޕިން ކުންފުނި ހޭޕަގް ލޮއިޑްއިން ވަނީ އެ ކުންފުނީގެ ބޯޓުތަކަށް ރަތް ކަނޑުން ދަތުރުކުރުން މަނާކޮށްފައެވެ.

ރަތް ކަނޑުން ޢިސްރާއީލަށް ދަތުރުކުރާ ހުރިހާ ބޯޓުތަކަކަށް ވެސް ޙަމަލާތައް ދޭނެ ކަމަށް ހޫޘީން އަންނަނީ ބުނަމުންނެވެ.