ބޮލީވުޑްގެ ޑިއޯލް އާއިލާއަށް ނިސްބަތްވާ އެކްޓަރު ބޮބީ ޑިއޯލްގެ ދެ ދަރިން ވެސް ފިލްމީ ދާއިރާއަށް ނެރެން ބޭނުންވާކަމަށާއި އެކަމަކު، އެ ކުދިންނަށް ހިންދީ ބަސް ނޭނގޭ ކަމަށް ބޮބީ ބުނެފިއެވެ.

ބޮބީ ބުނެފައިވަނީ ދެ ކުދިން ކަމަށްވާ އާރްޔަމަނާއި ދަރަމް ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ހިންދީ ބަސް ދަސްކުރަން އަންގާފައިވާނެ ކަމަށެވެ. މި ދުވަސްވަރު ގިނަ ކުދިން ކުޑައިރުން ފެށިގެން ވާހަކަ ދައްކަނީ އިނގިރޭސި ބަހުން ކަމަށާއި ރީތިކޮށް ހިންދީ ބަހުން ވާހަކަ ދައްކަން އެނގޭ ޒުވާނުން ފިލްމު އިންޑަސްޓްރީގައި މަދުކަމަށް ބޮބީ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާއަށް ނުކުންނަ ކޮންމެ އެކްޓަރަކަށް ވެސް އެންމެ މުހިއްމުވާނެ އެއް ކަމަކީ ރީތި އިބާރާތުން ހިންދީ ބަހުން ވާހަކަ ދެއްކުން ކަމަށާއި އެއީ ހަގީގަތުގައި ވެސް ކޮންމެ ފިލްމީ ތަރިއަކު ވެސް ތައްޔާރުވާން ޖެހޭ ކަމެއް ކަމަށް ބޮބީ ވަނީ ބުނެފައެވެ. ހިންދީ ބަހުން ވާހަކަ ދައްކަން އާދަވެފައިނެތުމާ އެކު ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކާއިރު ދެ ބަސް އެއްކޮށްގެން ވާހަކަ ދައްކާ ކަމަށާއި އޭގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ދެކެވޭ ވާހަކައިގެ މާނަ އޮޅޭގޮތްވާ ކަމަށް "އެނިމަލް"ގެ އެކްޓަރު ވަނީ ބުނެފައެވެ.

ބޮބީ ޑިއޯލް އަދި ސަނީ ޑިއޯލްގެ ބޮބީގެ ދޮށީ ދަރިފުޅާއެކު

ބޮބީ މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ފިލްމީ ތަރިން ކަމަށްވާ އަޖޭ ދޭވްގަނާއި ކާޖޮލްގެ ދަރިފުޅު ނައިސާ ދޭވްގަން ސްކޫލެއްގައި ހިންދީ ބަހުން ކުރު ތަގުރީރެއް ދޭން އުނދަގޫވާ މަންޒަރު ހިމެނޭ ވީޑީއޯއެއް ވެސް ވަނީ ދުވަސްތަކެއް ކުރިން އިންޓަނެޓުގައި ދައުރުވެފައެވެ.

ބޮބީގެ ދެ ފިރިހެން ކުދިން ފިލްމީ ދާއިރާއިން ފެންނާނެކަން އެކްޓަރު ކަށަވަރު ކޮށްދިން ނަމަވެސް އެކަން ހަގީގަތަކަށް ވާން ވަރަށް ދުވަސް އެބައޮތް ކަމަށް ބޮބީ ޑިއޯލް ވަނީ ބުނެފައެވެ.