ހިންދީ ސިނަމާއަށް ކާމިޔާބު ގިނަ ފިލްމުތަކެއް ދޫކޮށްލުމަށް ފަހު ދިޕިކާ ޕަދުކޯން ކެރިއަރުގެ އިތުރު ވެބް ޕްރޮޖެކްޓަކަށް ތައްޔާރުވެއްޖެއެވެ.

ދިޕިކާ ފުރަތަމަ ފަހަރަށް ޑިޖިޓަލް ޕްލެޓްފޯމަކަށް ކުޅުނު ފިލްމަކީ އެމޭޒަން ޕްރައިމަށް ދަރުމާ ކުންފުނިން އުފެއްދި ފިލްމު "ގެހެރައިޔާން"އެވެ. މި ފިލްމުން ޑިޖިޓަލް ޕްރޮޖެކްޓްތައް ފެށި ބަތަލާ މިހާރު ތައްޔާރުވަމުން އަންނަނީ ނެޓްފްލިކްސްއިން ގެނެސްދޭން ނިންމާފައިވާ ވަރަށް ވަރުގަދަ ޑުރަގު މާފިއާގެ ސަޤާފަތް ދައްކުވައިދޭ ވެބު ޕްރޮޖެކްޓަކަށެވެ.

އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްއިން މި ޚަބަރު ކަށަވަރުކޮށް ދެމުން ބުނެފައިވަނީ، މި އެކްޝަން ތުރިލާއަށް ބަތަލާއަށް ވަގުތު ހުސްކުރެވެން އެބައޮތް ކަމަށާއި މި ޕްރޮޖެކްޓާ ގުޅޭގޮތުން ބަތަލާއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ބޮލީވުޑްގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ވެސް ހޯދާފައިވާ ދިޕިކާގެ ކޮންމެ ފިލްމަކީ ވެސް ސިނަމާގައި އެޅުވި ފިލްމަކަށް ވިޔަސް ނުވަތަ ޑިޖިޓަލް ރިލީޒަކަށް ދިޔަ ކަމަށް ވިޔަސް ބެލުންތެރިންގެ މެދުގައި މަޤުބޫލު ފިލްމުތަކެކެވެ. ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތައް އެކުލެވޭ މި ވެބް ސީރީސްގައި ދިޕިކާ ކިޔައިދޭނީ އަންހެނެއްގެ ނަޒަރުގައި އިންޑިއާގެ ޑުރަގު މާފިޔާގެ ދުނިޔެ ހިނގާގޮތެވެ.

ދިޕިކާ ޕަދުކޯން ފިރިމީހާ/ އެކްޓަރު ރަންވީރާ އެކު

ފިލްމު "ޕަތާން" އަދި "ޖަވާން"އިން އެންމެ ފަހުން ފެނުނު ބަތަލާގެ މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ދިގު މުއްދަތަކަށް ރަސްކަންކޮށް ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ.

ދިޕިކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 25ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ފައިޓާ"އިންނެވެ. ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު އަސްކަރީ ޕައިލެޓުންގެ ގޮތުގައި ފެންނަ މި ފިލްމަކީ، "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓް ކުރާ ފިލްމެކެވެ.