ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ، ކޮމިޓީ އެލަވަންސާއެކު އެއް ލައްކައަށް އަރާ ވަރަށް މުސާރަ ބޮޑު ކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ރައީސްގެ ޖުމްލަ މުސާރަ 90،000 ރުފިޔާއަށް ބޮޑު ކުރުމަށާއި މަޖިލީހުގެ ނައިބު ރައީސްގެ ޖުމްލަ މުސާރަ 88،000 ރުފިޔާއަށް ބޮޑުކުރުމަށެވެ. އަދި މެންބަރުންގެ އަސާސީ މުސާރަ 57،000 ރުފިޔާއަށާއި، ލިވިން އެލަވަންސް 25،000 ރުފިޔާއާއެއްކޮށް، ޖުމްލަ 82،000 ރުފިޔާއަށް ބޮޑުކުރުމަށެވެ.

ނަމަވެސް ކޮމިޓީގައި ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު އަސާސީ މުސާރައާއެކު ޖުމްލަ މުސާރަ ކުޑަކުރަން ނިންމިއެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި ހުށަހެޅި 57،000 ރުފިޔާގެ ބަދަލުގައި 55،000އަށް ކުޑަކޮށް، ޖުމްލަ މުސާރަ 80،000އަށް ކުޑަކުރުމަށް ނިންމިއެވެ.

މަޖިލިސް މެންބަރުންގެ އިތުރުން ރައީސާއި ނައިބު ރައީސާއި މިނިސްޓަރުންގެ ވެސް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރީ ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

އެހެންވެ، މަޖިލިސް މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު ޖުމްލަ މުސާރަ އެއް ލައްކައަށް އަރާނެއެވެ.

މާލިއްޔަތު ކޮމިޓީގައި 16 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން 10 މެންބަރުންނަކީ ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.

މަޖިލިސް މެންބަރުންނަށް އެލަވަންސާއެކު މިހާރު ލިބެނީ 82،500 ރުފިޔާއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު 49.8 ބިލިއަން ރުފިޔާގެ ބަޖެޓު މިމަހުގެ 13ގައި ފާސްކޮށްފައިވާއިރު، އެ ބަޖެޓުގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.