24 May 2012, 14:38
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނ. މާޅެންދޫ، ވައިޓްހައުސް، އަހުމަދު މިރުޒާގެ ބޮލުގައި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު ޖެހިތަން ދުށްކަމަށް މީހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސްދީފި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު ވިލިމާލޭ ޕާކްކައިރީގައި މިރުޒާ ހުއްޓާ އޭނާގެ ބޮލުގައި ލަކުޑި ބުރިއަކުން ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
މިރުޒާގެ ބޮލުގައި ލަކުޑި ބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ޏ. ފުވައްމުލައް، ޒާވިޔާ، އަބްދުﷲ ނަސީފްގެ މައްޗަށެވެ. އަދި އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ވ. ފަޒީލާ މަންޒިލް، މުހައްމަދު ޝިފާއުއާއި ގދ. ގައްދޫ، ބޮކަރުގޭ، އަލީ ރިފްޝަންގެ މައްޗަށެެވެ.
ދައުލަތުން ކުރި ދައުވާގައި މިރުޒާގެ ބޮލުގައި ނަސީފް ލަކުޑިބުރިއަކުން ޖެހިކަމަށް އޮތްނަމަވެސް ކާކުކަން ނޭނގޭގޮތަށް މިއަދު ހެކިބަސް ދިން ދެ މީހުންގެ ތެރެއިން އެކަކު ބުނީ އެދުވަހު އިރު އޮއްސި 5:40 އެހާކަންހާއިރު ވިލިމާލޭ ޕާކްކައިރިން މިރުޒާގެ ބޮލުގައި ޝިފާއު ލަކުޑިބުރިއަކުން ޖެހިތަން ވަރަށް ރަނގަޅަށް އޭނާ ދުށް ކަމަށެވެ. އަދި ބުނީ ޝިފާއު މިރުޒާގެ ބޮލުގައި ޖެހުމުން އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށާއި ދެން ނަސީފު ފުންމައިގެން ގޮސް އޭނާގެ ގައިމައްޗަށް އަރައިގަތް ކަމަށެވެ. އަދި އެވަގުތު އެތަނުގައި ކޮން ބައެއްކަން ނޭނގޭ ހަތަރެއް ނޫނީ ފަސް ވަރަކަށް މީހުން ތިބިކަމަށާއި ނަމަވެސް ރިފްޝާން އެތަނުން ނުދެކޭކަމަށެވެ.
"ޝިފާއު ލަކުޑިބުރިއެއް ކަހަލަ އެއްޗަކުން ޖެހުމުން އޭނާ [މިރުޒާ] ވެއްޓުނީ. ދެން ނަޒީފު ފުންމައިގެން އޭނާގެ [މިރުޒާ] ގެ ގައިމައްޗަށް އެރީ،" ކާކުކަން ނޭނގޭގޮތަށް ހެކިބަސް ދިން ފުރަތަމަ މީހާ ބުންޏެވެ.
ހެކިބަސް ދިން ދެވަނަ މީހާ ބުނީ ހާދިސާ ހިނގި ފަހުން އޭނާގެ ކުރިމަތިން ދުއްވާފައި ޝިފާއު ދިޔަތަން އޭނާ ދުށް ކަމަށާއި އަދި އެވަގުތު އެތަނުގައި ކާކުކަން ނޭނގޭ ތިނެއް ނުވަތަ ހަތަރު ވަރަކަށް މީހުން ތިބިކަމަށެވެ.
ދައުލަތުންނާއި ދިފާއީ ވަކީލު ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ ދައުވާ ލިބޭ ރިފްޝާންއާއި ނަޒީފް އޭނާއަށް ނޭނގޭ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާލިބޭ ތިން މީހުން ވެސް ވަނީ ދިފާއީ ހެކިން ޝަރީއަތަށް ހުށަހަޅާފަ އެވެ. ހެކި ހުށަހެޅުމަށްފަހު ނަޒީފްއާއި ޝިފާއުގެ ވަކީލު ވިދާޅުވީ އެމީހުން ހެކީންގެ ގޮތުގައި ބައެއް މީހުން ހުށަހެޅީ ހާދިސާ ހިނގި ވަގުތު އެ ދެމީހުން އެތާގައި ނޫޅޭކަން ސާބިތު ކޮށްދިނުމަށް ކަމަށެވެ.
ރިފްޝާންގެ ވަކީލު ވިދާޅުވީ ރިފްޝާންގެ ފަރާތުން މީހުން ހެކީންގެ ގޮތުގައި ހުށަހެޅީ އެދުވަހުގެ 5:00 އިން ފެށިގެން އޭނާ ހުރީ ވ. ބީޗް ވިއު ގެސްޓު ހައުސްގައިކަން ސާބިތު ކޮށްދިނުމަށް ކަމަށެވެ.
ހެކި ހުށަހެޅުމަށްފަހު ދައުލަތުން މިއަދު ވަނީ ދައުވާ ސާބިތުކުރުމަށް ގަރީނާތަކެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން މިރުޒާގެ މެޑިކޯލީގޯ ރިޕޯޓާއި މަރުގެ ރިޕޯޓާއި ފުލުހުންގެ ސީން އޮފް ކްރައިމް ރިޕޯޓް އަދި ޑިޖިޓަލް އެނަލިސިސް ރިޕޯޓު ވަނީ ގަރީނާގެ ގޮތުގައި ހުށަހަޅާފަ އެވެ.
އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ދެ މީހެއްގެ ހެކިބަސް މިއަދު ނެގިނަމަވެސް އަދި ހަތަރު ހެއްކަމު ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ އެހެން ދުވަހަކުން އެމީހުންގެ ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީހެއް ބާއްވައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
ދައުލަތުން އެގޮތަށް އެދުމުން ގާޒީ ވިދާޅުވީ އެއް ދުވަހަކުން އެ މައްސަލައިގެ ހުރިހާ ހެކީންގެ ހެކިބަސް ނަގާގޮތަށް މީގެ ދެމަސް ކުރިން ޕީޖީ އޮފީހާއި ދިފާއީ ވަކީލުންނާއި ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ކުރިން ނިންމާފައި ވަނީ މިއަދު އިރު އޮއްސެންދެން މައްސަލަ ކުރިއަށްގެންގޮސްގެން ވެސް އަޑުއެހުންތައް ނިންމާލުމަށް ކަމަށެވެ.
ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެންއޮންނަ ޝަރީއަތުގެ މަޖިލީހަކަށް ދައުލަތުން ހުށަހެޅި ހެކީން ހާޒިރު ނުކުރެވިއްޖެނަމަ އެމީހުންގެ ހެކިބަސް ނުނަގާ މައްސަލަ ނިންމާނެ ކަމަށް ދައުލަތަށް އެންގުމަށްފަހު އެވެ.