19 Dec 2023, 22:30
މިއަހަރު ރާއްޖެ އަންނަ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެއެވެ.
ޓޫރިޒަމް މިނިސްޓްރީއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވަނީ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަފުލާއެއް ބޭއްވުމަށް ނިންމާފައެވެ.
މިކަން ފާހަގަކުރުން އޮންނާނީ މާދަމާ އެ ފަތުރުވެރިޔާ ރާއްޖެ އަންނަ ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.
ފަތުރުވެރިޔާ އަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވަނީ މާދަމާ ހަވީރު 16:30 އާއި 17:00 އާ ދެމެދުއެވެ.
މި އަހަރު ވަނީ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައުން ވެސް ފާހަގަކޮށްފައެވެ. އެއީ މި އަހަރުގެ ޖުލައި މަހު ރާއްޖެ އައި ރަޝިޔާގެ މޮސްކޯއަށް ނިސްބަތްވާ އެންޓޮން ޕަވްލޯއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ފުރަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ އަދަދު 1.9 މިލިއަނަށް މަތިކުރެއްވިއެވެ.
އެންމެ ފަހުން ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރަނީ ރަޝިޔާއިންނެވެ. އެގޮތުން އެގައުމުން މިހާތަނަށް 197،824 ފަތުރުވެރިން ޒިޔާރާތްކުރިއެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިންޑިއާއިން އައިސްފައިވާއިރު ދެން އެންމެ ގިނައިން އަންނަނީ ޗައިނާ ފަތުރުވެރިންނެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ)އިން އަންނަ އަހަރަށް އަންދާޒާކުރާ ގޮތުގައި ރާއްޖެއަށް 2.01 މިލިއަން ފަތުރުވެރިން އަންނާނެއެވެ.