19 Dec 2023, 23:31
ޗައިނާގެ ގަންސޫ ޕްރޮވިންސަށް އިއްޔެ އައި ބިންހެލުމާ ގުޅިގެން ޗައިނަގެ ރައީސް ޝީ ޖިންޕިންއަށް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ގަންސޫ ޕްރޮވިންސަށް އައި ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚްމްވެފައިވާ ކަމަށެވެ.
ޗައިނާގެ ރައީސަށް، ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، އެމަނިކުފާނު އެ ހާދިސާގެ ޅަބަރު އެއްސެވީ ހިތާމައާއެކުކަން ފާހަގަކުރެއްވިއެވެ. އަދި، މި ހިތާމައިގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސް މުއިއްޒުގެ އަމިއްލަ ނަން ފުޅުގައި، އެ ގައުމުގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ވަކިން ޚާއްޞަކޮށް، ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ ކަމަށްވެސް އެ މެސެޖުގައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެމަނިކުފާނު ފޮނުއްވި މެސެޖު ނިންމަވައިލެއްވީ އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބަށް އެދިލައްވަމުންނެވެ.
ބޭރުގެ ނޫސްތަކުގައިވާ ގޮތުން، ގަންސޫއަށް އައި 6.2 މެގްނިޓިއުޑުގެ ބިންހެލުމުގައި 118 މީހަކު މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.