ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދިނުމުގައި ދިމާވެފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ހައްލު ކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެހުންނެވި މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި އާދަމް ޝަރީފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތިނަދޫ ސިޓީއެއްގެ ގޮތުގައި އިއުލާން ކުރައްވާފައިވަނީ، ތިނަދޫ ސިޓީއަކަށް ހަދާނެ ކަމަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމުން، "އަވަސްއަރުއްވާލައްވައިގެން" ކަމަށެވެ. އެ ނިންމެވުމާ ގުޅިގެން ސިޓީ ކައުންސިލެއްގެ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އުފުލަންޖެހެނީ ރަށު ކައުންސިލުންކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ކައުންސިލްގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރިން އެމްޑީޕީގެ ވަރަށް ބޮޑު މެޖޯރިޓީއެއް އޮތީމަ މިހެން ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާފަ އެ މީހަކު ކެހި ކަނޑުލެއްގެ ހިތި އެ މީހަކު ފިލުވަން ޖެހޭ ގޮތަށް އެމްޑީޕީން ހަޑި ހާވާފަ ދެން އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު މަޖިލިސްގެ ތެރެއިން މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް ތިނަދުއަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް މަޖިލީހުން މަސައްކަތް ކުރާ ތަނެއް މިހާތަނަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީއަށް މިހާރު ގަވައިދަށް ބަދަލު ގެނެވެން އޮތްއިރު އެ ޕާޓީން މައްސަލަ ހައްލު ކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

''ހައްލެއް ހޯދައި ނުދެވިއްޖެ ކަމުގައި ވަނީ ނަމަ އެއީ، ތިނަދޫގެ ރަތްޔިތުންނަށް ވެސް އަދި ކައުންސިލަށް ވެސް ދެވޭ ބޭއިންސާފެއް،'' އޭނާ ވިދާޅުވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ތިނަދޫއަކީ ސިޓީއެއް ކަމަށް ރައީސް ޞާލިޙް ނިންމެވީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ/މުހައްމަދު މާވީ

މިއަދުގެ ބައްދަލުވުމުގައި އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ކައުންސިލްތަކާއި ސަރުކާރާ ގުޅުވާލުމަށް ޓަކައި އެ މިނިސްޓްރީން މަސައްކަތް ކުރަމުންއަންނަ ކަަމަށެވެ.

އެގޮތުން، ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''ލޯކަލް ގަވާމެންޓް އޮތޯރިޓީން ވެސް އަދި އަޅުގަނޑުމެންގެ މި ވުޒާރާއިން ކުރާ ކަންތައްތަކުން އަޅުގަނޑުމެން އެންމެ ބޮޑަށް ހާސިލްކުރަން ބޭނުންވާ ކަމަކީ، ކައުންސިލްތައް ބާރުވެރިކުރުވުމާއި ކައުންސިލްތައް ސަރުކާރާ ގުޅުވާދިނުމުގައި އަޅުގަނޑުމެންގެ ދައުރު ކަށަވަރުކުރުން،'' އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކާކުރި މަޝްވަރާގެ ތެރެއިން އެ އިދާރާތަކުން އެދުނު ފަދައިން އިދާރާތަކުގެ ކަންބޮޑުވުންތައް ވަޖީރުންގެ މަޖިލީހަށް ހުށަހަޅައި ރައީސާ ހަމައަށް ގެންދިޔުމުގެ މަސައްކަތް އެ ވުޒާރާއިން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް އެ ރަށު ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިގެން އެ ކައުންސިލުން ވަނީ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފައެވެ. އެހެންވެ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ނިންމީ ދައުރު ހަމަނުވި ނަމަވެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފައެއްގައި ވަނީ ކޮމިޓީގެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ.

އެހެންވެ، އިއްޔެ ލާމަރުކަޒީ ކޮމިޓީންވަނީ، ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށް ގާނޫނީ ގޮތުން އޮތް ހުރަސް ނައްތާލުމަށްޓަކައި، ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއަށް އިސްލާހެއް ގެނައުމަށް ނިންމައިފައެވެ.

ލާމަރުކަޒީ ކޮމިޓީގައި ތިއްބަވާ ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.